ކ. ގުޅިފަޅު ހިއްކަމުން ދާތީ އެ ހިސާބުން ދަތުރު ކުރާއިރު ސަމާލު ވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން އެ ރަށުގެ ރިކްލަމޭޝަން ފޭސް 2 – ގުޅިފަޅު ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތާއިގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ، އެރަށު ބިންހިއްކުމުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާތީ އެ ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ބިންހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދުފަހަރަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އަންގާ ކަަމަށެވެ.

އެހެންކަމުން އުޅަނދު ފަހަރުގެ ވެރިންނަށާއި ކެޕްޓަނުން މިކަމަށް ސަމާލުވުމަށް އެދިފައި ވެއެވެ.

ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއާ ހަވާލު ކުރީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އަށެވެ.

ގުޅީފަޅުގައި ހިއްކާ ބައި ހާއްސަ ކުރުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ބަނދަރު ހެދުމަށެވެ. އެ މަޝްރޫއާއެކު، މިހާރު މާލޭގެ އުތުރު ފަރާތުގައި ހިންގަމުން އަންނަ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރެވޭނެއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބޮސްކާލިސް އާ ހަވާލުކޮށްގެން 192 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ވެސް ގުޅީފަޅުން ބިން ހިއްކާފައިވެއެވެ.