ކ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފިއެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ބިޑަކާ ނުލައި ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގައެވެ. ދެ ބިލިއަނެއްހާ ރުފިޔާ މަޝްރޫއަށް ހޭދަވާ އިރު، ގިރާވަރު ފަޅު ހިއްކަނީ ވެސް ބޮސްކާލިސް ކުންފުނިންނެވެ.

މާލެ އާ ވަރަށް ކައިރީގައި އޮންނަ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވުމަށް ފަހު އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅު ހިއްކަން ފެށުމުގެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ކޮންމެވެސް ހައްލެއް ގެނެސްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއަކަށް ވިޔަސް، މިއީ ހއ. އުލިގަމުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަމައަށް ފެތުރިގެންދާނެ ތަރައްގީގެ ބިޔަ މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގެ ތަރައްގީ އަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫއެއް. މި މަޝްރޫއު އާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ އެއްބައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އޮތީ ހަމަޖެހިފައެވެ. މި ސްކީމަށް ބޭނުންވާ އިތުރު ބިން ހަމަޖެއްސުމަށް ގިރާވަޅު ފަޅު ހަލުވި ދުވެއްޔެއްގައި ހިއްކަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުޅީފަޅު ހިއްކަނީ ވެސް ބިންވެރިޔާ ސްކީމަށް ބޭނުންވާ ބިން ހޯދުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، އެންމެ ލަސްވެގެން މި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ރައީސް ސޯލިހް މިއަދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ، ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯއްޗަށް އެދި ހުށައަޅައި ޝަރުތު ހަމަވި އެންމެނަށް، ގޯތި ލިބެންދެން ލިސްޓް ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހިނދުން ފެށިގެން މިސަރުކާރުން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުންކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ބިންވެރިޔާ ސްކީމަކީ، މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވައި، މިމަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އެތައް މަންފާއެއް ލިބޭނެކަން ފާހަގަކުރެއްވިއެވެ. މިގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި އަދި ގުޅިފަޅުގައި ބައިނަލް އަގްވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުން ލިބިގެންދާނެ އިގްތިސާދީ މަންފާތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ގުޅިފަޅުން ހިއްކާ ބިމުގެ ތެރޭގައި ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރާ ބިމާއި، މާލޭ ވިޔަފާރި ބަނދަރު، ގުޅީފަޅަށް ބަދަލުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަން ރީނދޫ

    ސަރުކާރުގަ ލާރިއެއް ނެތް. އެހެންވެ 2019ގައި ހަވާލު ކުރި ޕްރޮޖެކްޓް ޑިލޭ މި ކުރީ މިއަހަރުގެ ވޯޓަށް. އޭރަށް މީނާ ހާސް ވާކަށް ނުޖެހޭނެ ފައިސާ ކަންތަކާ. އެނގޭ ވިއްޔާ ނުހޮވޭނެކަން. ރަނގަޅު ،އެލޮން މަސްކަށް ދިވެހި ސްޕޭސް ޕްރޮޖެކްޓެއް ފައްޓަން އެވޯޑް ނުކުރިކަންވެސް.

    10
  2. Anonymous

    ތަރައްޤީއަކީ ބިން ހިއްކުމެއް ނޫން. އެހެނެއްކަމަކު ތަރައްޤީއަކީ ޤައުމުގެ ދަރިން ގައި އިސްލާމީއަޤީދާ ގައި ހެޔޮ ތަރުބިއްޔަތެއް އަށަގަތުން. ޤައުމު ސުލްހަ މަސަލަސް އަމާން ތަނަކަށްވުން. އަދި ޤައުމުގެ ވެރިން ނަކީ ޢަދުލުވެރި ﷲ ގެ ޝަރީޢަތް ތަންފީޒުކުރާ ވެރިން ކަމުގައިވުން. މުޝަރިކުންގެ ފައިބުޑަށް ވެއްޓި ރިޒުޤަކީ އެމީހުން ދޭ އެއްޗެއް ކަމަށް ހީވެއްޖެ ބަޔަކީ މާއްދިއްޔަަށް އަޅުކަންކުރާ ޖާހިލުން.

  3. ޑައެލޯގް

    6200 ގޯތިދޭނެކަމަށްބުނެފިއެވެ. މިހާރު ދެވެންއޮތީ 700 ގޯއްޗެވެ. އެއީ ފޭސް 2 ( ޔާމީން ހިއްކިބިން ) ގުޅިފލު ( އަންނި ހިއްކިބިން) އިބޫ ހިއްކަންއެފެށީއެވެ. ބަލަގަ ބިންހިއކިއަސް ގޯތިދެވޭނީ ފެނާނަރުދަމާ މަގުތައް އެންމެ ކުޑަމިނުން ހެދިގެނެވެ. ބެލެވޭގޮތުގައި ތިޔަބިންވެސް އިބޫއަށް ހިއްކާނުނިމޭނެއެވެ. ސަބަބަކީ ސެޕްޓެމްބަރު 9 ގައި އިންތިހާބް ވީމާ އޮތީ 2މަހެވެ. އިބޫބުނީ ބިންކަޑާއި ރަޖިސްޓްރީކޮށްދޭނެވާހަކައެވެ. އަސްލަމްބުނީ ބިންކަޑާނީ ޗާޓުގައެވެ. ބަސްދިމަލެއްނުވެއެވެ.

  4. އިއްބެ

    ވޯޓު ކައިރިވީކައިރިވީހެން ވަގުހަދާނީ ވަގު އަނދުނެވެ. ތިޔަ އަޅާ އަނދުނަކު ރައްޔިތުން ނުބީހޭނެ! ތިކަން ކުރިޔަށް ދާނީ ދެއްކެން މަދު ދުވަސްކޮޅަކު! 4 އަހަރާ 9 މަސް ނިދާފައޮވެފަ ވޯޓުކައިރިވީމާ ހޭލާ ވެރިންނަކީ ވެރިންނެއްނޫން! ވޯޓުން ތަޅާ ބަލިކުރާނީ މިފަހަރު!