ޖިނާއީ ބައެއް މައްސަލަތަކުގެ އިސްތިއުނާފު ހަފުތާއެއް ތެރޭގައި ނިންމަން ޖެހޭތީ ނުތަނަވަސްކަން ބޮޑުވެފައިވަނިކޮށް އެ މުއްދަތު 21 ދުވަހަށް ދިގުކޮށް، އެފަދަ މައްސަލަތަކުގައި އެންމެ ފަނޑިޔާރަކު ގޮތް ނިންމާގޮތަށް ގާނޫނު އިސްލާހުކުރަން ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ އޮފީހުން އެދެފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ކޯޓު އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުންތަކުގެ އިސްތިއުނާފް ގިނަވެގެން ހަތް ދުވަސް ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހޭނެއެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ޖުޑިޝަރީ ކޮމެޓީގައި މިހާރު އޮތީ ނިމުމަކާއި ގާތްވެފައެވެ. އެކަމަކު، އެހިސާބަށް ދިޔަ ފަހުން، އޭޖީއާއި ޕީޖީން އާ އިސްލާހެއް ވަނީ ފޮނުވާފައެވެ.

މިގޮތުން ޕީޖީން ހުށަހަޅާފައިވަނީ:

  • - ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފް ނިންމަންޖެހޭ މުއްދަތު 21 ދުވަހަށް ދިގުކުރުމަށް
  • - އެފަދަ ނިންމުންތައް އިސްތިއުނާފް ކުރަން ދައުލަތަށް ލިބޭ 48 ގަޑިއިރުގެ މުއްދަތު ދައުވާލިބޭ މީހުންނެކޭ އެއްފަދައިން 10 ދުވަހަށް އިތުރު ކުރުމަށް

އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވަނީ އެފަދަ އިސްތިއުނާފުގެ މައްސަލަތައް ހައިކޯޓުން އެންމެ ފަނޑިޔާރަކު ބެއްލެވުމަށެވެ. މީގެ ކުރިން އިސްތިއުނާފުގެ ހުރިހާ މައްސަލަތަކެއްގައި ވެސް މައްސަލަ ބަލަން ޖެހެނީ ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ހަތް ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭތީ ހައިކޯޓުން ބަލާ މައްސަލަތަކަށް އެކަމުގެ އަސަރުކުރާ ކަމަށް ބުނެ ގާނޫނީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ވެލްކަމް ޓު ޖޯޖިއާއަށް ދިގުކުރަންވީނު........ އުންސަރުތައްވެސް މިހާރު ހުންނަނީ ކަރުދިގު ފުޅީގައި ބަންދުކޮށްފާދޯ

  2. އަދުރޭ

    ރައްޔިތުންނަށް އެނގިލައްވާތޯ މީގެ ސިއްރު؟ މިއުޅެނީ ޔާމީނަށް ދެވަނަ މަރުހަލާގައި އެއްފަނޑިޔާރު ލައްވާ ހުކުމް ކުރަން، މިގަމާރަށް ނޭނގޭ ރައްޔިތުން މިގަމާރުހާ ގަމާރު ނުވާނެކަން. އިންޝާ ﷲ 2023 އިންޑިއާ ސިފައިން ޖެހޭނީ މިޤައުމުން އެއްވެސް ޝަރުތަކާނުލައި ފައިބާން. ދިވެހި ރައްޔިތުން މިތިބީ އެމް.ޑީ.ޕީ ކެންޑިޑޭޓް ފިޔަވާ ބުޅަލެއް ކުރިމަތި ލިޔަސް ހޮވާ ގޮތަށް އަދި އިންޑިއާަ ސިފައިން ބާލާ ގޮތަށް އިންޝާﷲ.