ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޗުއްޓީ ކުޑަކޮށް، މަޖިލީގުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ދެވަނަ ދައުރުއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ 1 މަސް ދުވަހުގެ ބަދަލުގައި ދެން ލިބޭނީ 12 ދުވަހުގެ ޗުއްޓީ އެއް ކަމަށެވެ. މީގެކުރިން ދެވަނަ ދައުރުގައި ޗުއްޓީއަށް ދިޔުމަށްފަހު ތިންވަނަ ދައުރު ފެށުމާއި ދޭތެރޭ 1 މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބެމުން ދިޔައެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ 26 މެމްބަރުންގެ އިއްތިފާޤުންނެވެ.

މި އިސްލާހާއެކު މަޖިލީހުގެ ފުރުތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 16ގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 27 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުން ރިއާޔަތް ކޮށްދިނުން އެދި ބިލެއް މަޖިލީހަށް ހުށަހެޅުމުން، އެބިލު މަޖިލީހުން ފާސްކުރުމުގެ ކުރިން އިތުރު އިސްލާހެއް ގެންނަން ބޭނުންވާ ނަމަ، ނުވަތަ ބިލުގައި ހިމެނިގެންވާ މާއްދާއެއް އުނިކުރުމަށް ހުށަހަޅަން ބޭނުން ކަމަށްވާނަމަ، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނުވަތަ އެ އިސްލާހެއް މަޖިލީހުގައި ގެނައުމަށް މަޖިލީހަށް ކަނޑައެޅިދާނެ ކަމަށް ބުނާ އިސްލާހު ވެސް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު