ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ.

މިއަދު ހެނދުނު ނިޔާ ވެފައިވަނީ ރ. ކަނދޮޅުދޫ، އުމުރުން 8 އަހަރުގެ ކުއްޖެކެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް " ވަގުތަށް" ވިދާޅުވީ ރ. އަތޮޅުން ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްއަށް ގެނައި ކުޑަ ކުއްޖަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ.

"މިކޮޅަށް އެ ކުއްޖާ ގެނައިރު ވެސް ހާލު ވަރަށް ސީރިއަސް. ލޭ އަންނާތީ މި ކޮޅަށް ގެނައީ. ގެނައިރުވެސް އޮތީ އިންކިއުބޭޓް ކޮށްފައި. އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އެ ކުއްޖާ ނިޔާވީ." ޑރ.ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރ. އަތޮޅާއި މ. އަތޮޅުގައި ކުޑަކުދިންނަށް ޑެންގީ ހުން ޖެހެމުންދާ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ހާލު ސީރިއަސް ވެގެން މ. އަތޮޅުން ތިން ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު އޮގަސްޓް މަހުގައި 268 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. މިދިޔަ އަހަރާ އަޅާބަލާ އިރު، މި އަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަރުސް

    އިންޓިޔުބޭޓް*

  2. އިހު

    އިހުމާލުވި މީހުނަައް ފިޔަވަޅޫު އަޅަންޖެހޭ. ދައްކަން ދިޔުމުން ޓެސްޓް ހަދައެއް ނުދެޭ.