އިންޓަނެޓާއި ޓެކްނޮލޮޖީގެ ސަބަބުން ކުޑަ ކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، އެ ކެމްޕޭނުގެ ތެރެއިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބާ ސެކިއުރިޓީ އެވެއާނަސް މަންތް 2022" ޕްރޮގްރާމްތައް އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.

ނައިބު ރައީސް ވިދާޅުވީ އިންޓަނެޓާއި ޓެކްނޮލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި، ރަނގަޅަށް ޕްލޭން ކުރެވިގެން ރޭވިގެން އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކުރަންޖެހޭ ޚަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓާނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަން ވެސް ދަތި ކަންތައްތަކެއް ކަމުގައި ވިދާޅުވިއެވެ.

"އިންޓަނެޓާއި، ޓެކްނޮލޮޖީގެ ވަޞީލަތްތަކަކީ އެއާ ނުލައި މިއަދު އަޅުގަނޑުމެންނަށް ދިރިއުޅެވެން ނެތް އެއްޗެއް. މިގޮތުން، އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ މުހިއްމުކަން ކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެން ތަޖުރިބާކުރި ކަންކަމުން ވަނީ އެނގިގެން ގޮސްފައި. އޭގެ އިތުރުން، އިންޓަނެޓްގެ ތެރެއިން، އިޖުތިމާއީ އެކި މަންސަތަކުގައި މީހުންނަށް ނުރައްކާތަކާއި ގެއްލުންތަކާ ކުރިމަތިލާން ވެސް ޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި، ވަކި އުމުރުފުރައެއް ނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޓާނެޓާއި ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުން މުހިންމު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބާ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ޙަރަކާތްތަކަކީ ގައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކެކެވެ. އެ ހަރަކާތްތަކުގެ ތެރެއިން، މައުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ 'އިންޓަނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް' މި ދާއިރާއާއި، 'ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން' މި ދާއިރާއާއި، 'ރެންސަމް ވެއަރ އާއި މަލްވެއަރ އިން ރައްކާތެރިވުން' މި ދާއިރާ އަދި، 'އީ-ކޮމަރސްގެ ރައްކާތެރިކަން' ހިމެނޭހެން ހަތަރު ދާއިރާއެކެވެ.

ސައިބާ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ، މި އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ޙަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ޙަރަކާތެއް ހިންގާއިރު، އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަން

    ހުސް ވާހަކަ ނުދައްކާ ޕޯނޮގަރަފީ އެއްކޮއް ބަންދު ކުރަން ޖެހޭ. ލާދީނީ ޕޭޖެތައް ބްލޮކް ކޮއްބަލަ

  2. ޟެން

    ރާއްޖޭގައި އިންޓަނެޓް ދޭފަރތްތަކަށް ބަރަހަނާ ސައިޓްތައް ވަދެވޭގޮތަް އެކްސެސް ދީގެން ނަފާ ނަގަން ހުއްދަ ދީފައިވޭތޯ؟ އިންޓަރނެޓް ޕެކޭޖްތައް ހަދައިގެން މީ ނޫންތޯ ކުރާކަމަކީ. ސްކޫލްކުދިންނަށް ތިހާ ހެޔޮއެދޭ ނަމަ ބަރަހަނާ ސައިޓްތައް ބްލޮކް ކުރޭ.

  3. ޢަލިފްަަަ

    ވޯޓު ކައިރި ވީ!!!؟؟؟