ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ އިންސާފު ހޯދައި ދިނުމަށް މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން ދިޔައީ "ގޮހޮރަށް ކައިގެން" ކަމަށާއި އެކަމަކު، އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ހާސިލުކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަތާ ދެ ހަފުތާ ފަހުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ޕާކް ކުރިމަތިން ހުޅަނގު ފަރާތުގައި އޮންނަ ގަސްގަނޑު ތެރެއިން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ މަރުގެ މައްސަލަ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސަ ކުރައްވަމުންނެވެ.

އަޒްހާންގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށާއި، އަދި މަރުތަކުގެ މައްސަލަތައް ހައްސާސް މައްސަލަތަކެއް ގޮތުގައި ބަލާ، ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރަން ގޮވާލާ މިއަދު މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭނާގެ ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 25 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓު ދެއްވިއެވެ. މި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން އޮތީ ވިޕްލައިނެއް ވެސް ނެރެފައެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން މަރުތަކުގެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލި ނަމަވެސް އެއިން އެއްވެސް މައްސަލައަކަށް އިންސާފު ހޯދައި ދެވިފައިނުވާ ކަމަށެވެ. އަދި، އެކި މައްސަލަތަކުގައި ވެފައިވާ އިހުމާލާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން ވެސް މިހާރު މެންބަރުންނަށް ކެރިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރު ވިޔަސް ފުލުހުން ވިޔަސް އިހުމާލި ވީމާ ޒިންމާދާރުކުރުވުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް މިއޮތީ މިތަނުގައި. ކޮބާތޯ ހިއުމަން ރައިޓްސް ޗެމްޕިއަނުން؟ މިއަދު އަޅުގަނޑުމެންނަށް ފެނުނީ އިނގިލިން ވޯޓުލާން ނުކެރިގެން އެއްކަލަ ހިއުމަން ރައިޓްސް ޗެމްޕިއަނުން އުޅުނުތަނޭ އިއްޒަތްތެރި ރައީސް. ނެތޭ ވޯޓެއް ލާފަކާ!" ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަރުތަކުގެ ވާހަކަދައްކާއިރު މަރު ކޮމިޝަން އެދިޔައީ ބަނޑުފުރާ، ގޮހޮރަށް ކައިގެން އިއްޒަތްތެރި ރައީސް. އެސެޓް ރިކަވަރީ ކޮމިޝަން އެދިޔައީ ގޮހޮރަށް ކައިގެން. ކޮން ކަމެއްތޯ ކުރެވުނީ؟ ޒީރޯ! ދައުލަތުން ރައްޔިތުންގެ ފައިސާ ކެއުން ނޫން ކަމެއް އެމީހުން ނުކުރޭ. ކުރެވުނު މަސައްކަތް ޒީރޯ!"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ/ މަޖިލިސް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ/ މަޖިލިސް

ޝިޔާމް ވިދާޅުވީ ކޮމިޝަންތަކާއި ދައުލަތް ފެއިލްވެފައިވާއިރު އެ މީހުން ޒިންމާދާރުކުރުވަން ރައްޔިތުންގެ މަޖިލީސް ވެސް ފެއިލްވެފައިވާ ކަމަށެވެ.

އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދާ ކައިރި ހިސާބުތައް ވެސް ދެހަފްތާ ދުވަސް ވީއިރު ފުލުހުން ނުބަލައި އޮތުމުން ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެމުން ފުލުހުން ވިދާޅުވީ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، މިފަދަ މައްސލަތަކުގައި އަމަލުކުރާ އުސޫލުގެ މަތިން، މާލެއާއި ހުޅުމާލޭގައި ގާއިމު ކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހްގީގުގައި އަޒްހާން އާ އެންމެ ފަހުން ބައްދަލުވިކަމަށް ފާހަގަ ކުރެވުނު މީހުންނާއި އެމީހުން ފޯރުކޮށްދިން މައުލޫމާތު، ފުލުހުންގެ ސީސީޓީވީ ފުޓޭޖްތަކާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖްތަކުގެ އެހީއާ އަދިވެސް އެހެނިހެން ގޮތްގޮތުން ކަށަވަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލައިގާ އަޒްހާން މަރާލާފައިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 13ވގ

    ޗަކޮއި ތިހުރީ ތެޔޮބޮއިބޮއި ގޮހޮރު ފޫގޮއްސަ

    2
    11
  2. ޑައެލޯގް

    އެމްޑީޕީ ބުނާހުރިހާކަމެއްވެސް ދާނީދިމާ އިދިކޮޅަށެވެ. މައުމޫނު އިރުގައި އެމްޑީޕީ ބުނީ 3 ބާރުވަކިކުރުމަށާއި، ތީމުގޭއަކީ ރައީސްހުންނަންޖެހޭ ގެއެއްނޫންކަމާއި، ބޭސްސިޓީއަށް ސަލާންޖަހާކަމާއި، ކަންމަތީފިހާރައަށް ދަރާކަމާއި، 1 ރިސޯޓުން ގައުމުހިންގޭނެކަމާއި، ރައްޔިތުންގެ ޖީބަށް ފައިސާވަންނާނެކަމާއި ޑޮލަރުރޭޓް ތިރިވާނެކަމާއި ތަކެތީގެ އަގު އަތްފޯރާނެކަމާއި މިގޮތަށް ބައިވަރެވެ. އެކަމަކު ހުރިހައިކަމެއް ދިޔައީ ބުނިގޮތާއި ދިމާއިދިކޮޅަށެވެ.

    10
    1
  3. ވިކިލީކްސް

    މަރުކޮމިޝަނަކީ ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެއް. ތާކުންތާކު ނުޖެހޭ ޢިލްމެއް ނެތް ބަޔަކު އެތަނަށް ލައިގެން ލާރިކެއީ. މަރުކޮމިޝަނުގެ މައްސަލަ ދެން އަންނަ ސަރުކާރުން ބަލަންޖެހޭނެ. ކުރެވުނު މަސައްްކަތެއްނެތް. ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ފައިސާއެއް ކައި ހުސްކޮށްލީ. މިއީ ބޮޑު ޖަރީމާއެއް. މިޔަށް ކިޔަނީ ޕްރޮފެޝަނަލްކޮށް ވައްކަންކުރުން.

    8
    2
  4. ބޮކި

    ތިޖޫރި ދަވާލިއިރު ކަލޭކޮބާ ؟؟؟