ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފަތުރުވެރިކަމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް "މޭޒެއްގައި ކަނުގައި" އިންނަވަން ޖެހުމުން ސަރުކާރަށް ނުރުހުން އަމާޒުވެއްޖެއެވެ.

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ގާސިމް ވަނީ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ހާސިލް ކުރައްވައިފައެވެ. މި އެވޯޑު އޭނާއާ ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގާސިމް ފަތުރުވެރިކަމުގެ ދާއިރާ އަށް ފުރަތަމަ ވެންނެވީ 1986 ވަނަ އަހަރުގައެވެ. ގާސިމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އެނދު ގިނަ ރިސޯޓެއް ހެއްދެވި ފުރަތަމަ ބޭފުޅާއެވެ.

ގާސިމް ހިންގަވަމުންދާ ރިސޯޓުތަކުގެ ތެރޭގައި ސަން އައިލެންޑް ރިސޯޓު، ޕެރަޑައިސް އައިލެންޑް ރިސޯޓު، ރޯޔަލް އައިލެންޑް ރިސޯޓު އަދި ހޮލިޑޭ އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓު ހިމެނިވަޑައިގަންނަވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ގާސިމް އަށް ރޭ އެވޯޑު ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީ ނަގާފައި މި ސަރުކާރުގެ ވެސް އެންމެ ބޮޑު ހިއްސާއެއް އޮންނަ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމްގެ އަމިއްލަ އެއާލައިނެއް ކަމަށްވާ "ފްލައިމީ" ވެސް އޮވެއެވެ.

އެކަމަކު، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ގާސިމް ބައިންދާފައި ވަނީ ޖަލްސާ ބޭއްވި ތަނުގެ އެއް ފަރާތުގައި އިން މޭޒެއްގެ ކަނެއްގައެވެ. އޭނާ އާ އެކުގައި މަޝްހޫރު މަހުޖަނު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މުސާ (އުއްޗު) ވެސް ހަމަ އެ މޭޒުގައި އިންނެވިއެވެ.

މި މައްސަލައިގައި ފާޑުކީ ފަރާތްތަކުން ބުނެފައި ވަނީ މިއީ ގާސިމާއި އުއްޗު އަށް އިހްތިރާމް ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށެވެ. އަދި މިކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަކި ބަޔަކާ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަން ހާމަވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމް އިބްރާޙީމް

ގާސިމް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުންނެވެ. މިގޮތުން އެޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު އަދުހަމް ވަނީ އެކަން ކުށްވެރިކޮށް އެއީ ގާސިމްގެ ގަދަރުކުޑަކުރުން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"ރޭގެ ހަފްލާގައި ގާސިމް އިބުރާހިމަށް ދެއްވަން ޖެހޭ އިހުތިރާމާ ގަދަރު ވަނީ ކަނޑާލާފަ. މި އަމަލު އަޅުގަނޑު ބަލައެއް ނުގަންނަން. ހަރުކަށި އިބާރާތުން ކުށްވެރިކުރަން" އަދުހަމް ވިދާޅުވިއެވެ.

އަދުހަމް ވިދާޅުވީކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ވެސް ގާސިމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި އޭނާ އެހާ ބޮޑަށް ނިކަމެތިކޮށްނުލާ ކަމަށެވެ. އަދި، މި ސަރުކާރުން އެގޮތަށް ހެދުން ބަލައިނުގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާސިމަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވަފައިވާ ބޭފުޅެކެވެ. މިގޮތުން އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް އޭނާ ފުރުއްވާފައިވެއެވެ.

އަދި އެތައް އަހަރެއް ވަންދެން ގާސިމް ވަނީ ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވައިފައެވެ. ގާސިމަކީ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދޮށީ މެމްބަރުންގެ ތެރެއިން އެއް މެމްބަރު ވެސްމެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލީ

    ގާސިމަކީ އިޒުރޭލުން ފަލަސްދީންގެ ބިންތައް ހިފަމުން އަންނަހެން، އަނެއްކާވެސް މާމިގިލީގެ ބިމެއް ހިފާ ފާރު އެބަ ރާނާ އެޔާޕޯޓް ތެރެއަށް ވައްދާން. ސަރުކާރުން ކީވެ މިކަން ނުބެލެނީ.

    24
    2
  2. ހުސޭނުބޭ

    މޭޒު ކަނުގައި އިންނަންޖެހޭތި ނުރުހުންވެލައްވާމަނަ މޭޒު މަތީގައި ބައިންދަވާ. އޭރުން އިއްޒަތްތެރިކަން އެހެން މީހުންނަށްވެސް ފެންނާނެނު

    36
    1
  3. ހަސަނު

    ވަރަށް ވަރަށް ދެރަވަރުކޮށް ސަރުކާރުން ބަހާލި އެވޯޑްތަކެއް. ކޮބައިތޯ ރާއްޖެއަށް މީގެ 45 އަހަރެއްހާދުވަސްކުރިން ޓްވަރިސްޓްން ގެނައި ސީ.އެން. ސީ މަނިކު. އޭނަގެނަމެއްވެސް ނެތެއްނުންތޯ؟ ރޮވަރ ޓްވާސް އާރިފު މެންކޮބައިތޯ؟ އައިލޭންޑް ހޮލިޑޭސް އިމާދު އެޖެންސީ ކޮބައިތޯ؟ ކަމާގުޅުން ނެއް އެތަށްބަޔަކަށް ބަހާލީ. މުސްތަފާ ލުތުފީ ކޮންކަމެއްކުރީތޯ ޓްވަރިޒަމަށް . އަހަރެއްހާދުވަހު ޓްވަރިޒަމް މިނިސްޓްރީގައި އުޅުނުކަން ނޫންކަމެއްނެތް.

    ރާއްޖެއަށް އެއްމެ ފުރަތަމަ ޗައިނީސް މާރކެޓް ތައާރަފު ކޮށް މީހުން ގެނައީ ވިލާހޮޓެލްސުން. އެކަންކުރިމީހަކީ އަލީ ރަޝީދު.

    އަދި ވިލާ އަކީ ރެސޯރޓް ސްޓާފުނަށް އެއްމެ ރަނގަޅަށް ފެސިލިޓީތައްގާއިމުކޮށް ސާރވިސް ދިންކުންފުނި.
    ހަމަ ވޯޓަށްޓަކައި ބަހާލީ...

    13
    2
  4. ޑައެލޯގް

    އެގޮތަށް ބޭންދީ ގާސިމަކީ ފައިސާއާހެދި ކޮންމެކަމެއްވެސް ކޮށްފާނެމީހަކަށްވާތީއެވެ. އިބޫއަށް އެނގޭ ފައިސާދީފިއްޔާ ގާސިމު ސޯޓުބުރިއަކާ ދިގުއިސްޓާކީނެއްވެސްލާފާނެކަން އެހެންވެ އެގޮތަށްބޭންދީއެވެ. ގާސިމަށް އެގޮތް އޯކޭވާނެއެވެ. ބޭނުމީ ފައިސާއެވެ.

    13
    3
  5. ރައްޔިތުމީހާ

    މި ދެމީހުންނަކީވެސް ރައްޔިތުން މިހާރު މާ އިޙްތިރާމު ކުރާ ބައެއް ނޫން. ފައިސާ އަތުގައި އޮތީމާ އޭގެ ދަހިވެތިކަމުގައި އުޅޭ ބަޔަކު މި ދެމީހުންގެ ފަހަތުން ދުވަނީ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުނުއިރު ސީދާ ދިވެއްސަކަށް މަންފާލިބޭނެ އެއްވެސް މަގެއް ނެތް. ޝެއަރ މާކެޓުގައި ލިސްޓުކޮށްފައި އޮތް ކުންފުންޏެއް ނެތް. މިޖަލްސާގައިވެސް ވާހަކަދެއްކި ބޭފުޅާވެސް ދެއްކީ މި މީހުންނަށް ނޯކަރުންގެ ގޮތުގައި ދިވެހިން އަންނަންވީ ވާހަކަ. ވަޒީފާއޭ ކިޔައިގެން މަލަމަތީ އޮމާންކޮށްފައި ވާހަކަދެއްކި ނަމަވެސް ކަން އޮންނަނީ އެހެނެއް ނޫން. ދިވެއްސަކަށް ވިއްޔާ މަތީ މަގާމެއް ބޮޑު މުސާރައެއް ނުދޭނެ. ސަރވިސްޗާޖް ވެސް ހަމަޔަށް ނުދޭނެ.

    15
    2
  6. ބޭއިޙްތިރާމް

    ގާސިމަށް ތިވަރުގެ ބޮޑު އިހްތިރާމް ކުރަންވީ ކޮންކަމަކާހެދިތަ! ހުޅުމާލޭގައި ފްލެޓް އަޅައިދޭނަމޭ ކިޔައިގެން ނެގި ބިމުގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާތާ ކިތައް އަހަރުވެއްޖެ. ހޯޑެއްދޫގައި ފެކްޓްރީ ހަދައިދެނީ ކިޔައިގެން އުޅޭތާ ކިތައް އަހަރުވެއްޖެ. ކާޑެއްދޫ އެއަރޕޯޓް ނަގައިގެން އެތަން ތަރައްގީކޮށް ޚިދުމަތެއް ދީފިތަ. މިހެން ލިސްޓު ލިޔެފިއްޔާ ކުރި ކަންތަކަށްވުރެ މި ލިސްޓު މާދިގުވާނެ.

    21
    3
  7. ރިސޯޓްމީހާ

    ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ފާހަނގަކުރާއިރު، ދައުލަތަށް ސަރުކާރަށް މީ ބަންދު ދުވަހެއް، ފަތުރުވެރިކަމުގައި ރިސޯޓްތަކުގައި ބުރަމަސައްކަތްކުރަން ތިބި މުވައްޒިފުންނަށް މިއީ ބަންދު ދުވަހެއްނޫން. ގިނަ މުވައްޒިފުންނަށް މިކަމެއް ނުވެސް އެނގޭ. ތާހިރެއްނު.
    ބޮޑެތި މަހުޖަނުންގެ ޖީބަށް ބޮޑުކުރާގޮތަށް ކުޑަ މުސާރަކޮޅެއްދީގެން މުވައްޒިފުން ބުރިބިނދެންދެއް މަސައްކަތްކުރުވާފައި ބަންދުދުވަސްވެސް ސަރުކާރުގައި ތިބި ބަޔަކަށް. ރިސޯޓް މުވައްޒިފުންނަށް އޮތީ ގުލާނުކުރުން.

  8. ރޫމްބޯއި

    ސޭޓް އިންނަންޖެހޭ ސަފުންކަހާލީމަ ވަރަށް ދެރަވޭ، އަދިވެސް މިއުޅެނީ ސޭޓްގެ ރިސޯޓް ތަކުން މުސާރަނުދީ ސަރުކާރުގެބިލްތަކާ ދަރިންގެ ޓިއުސަންފީ ނުދެއްކި އަހަރެމެން އުޅޭހާލު ސޭޓް އަކަށްނޭގޭނެ މިއަދު މޭޒެއްގެ ކަނުގައި ސޭޓް އިނީމަ އެންމެންވެސް ދެރަވޭ، އަހަރެމެން އެއަށްވުރަ ދެރަވޭ މުސާރަކޮޅު ނުދީގެން އެކި މީހުން ދެރަވާނީ އެކިގޮތަށް ފޯ؟؟؟

  9. އަހަންމާކަލޯ

    އަޖައިބެއް ދެން އޭނަ ކޮންޓްރޯލް ކުރާ ވުޒާރާއެއް ދޯ ޓޫރިޒަމް މިނިސްޓްރީ އަކީ އަދި އޭނަ ލީ މީހެއް ދޯ މައުސޫމް އަކީ، އަދި މައުސޫމް އަކީ އޭނަގެ ރިސޯޓް ތަކުގައި އެތަށް އަހަރެއް ވަންދެން ނޯކަރީ ކުރި މީހެއް ދޯ؟ އަނެއްކާ އޭނާ އެދިގެން އެތާ އިނީކީ ނޫންބާވައެވެ.

  10. ހުސޭނު

    މިއިންޑަސްޓްރީއަށް ގިނަ ޚިދުމަތްތަޖެއްކޮއްދެއްވި ބޭފުޅެެއް ގާސިމަކީ. ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮއްދެއްވި ގިނަބައެއްގެ މަތިން ވަނީ ހަނދާން ނައްޓާލަފަ. މޯލްޑިވް ލޭޑި، އާގިސާ، މަޙްމޫދު ޝުޖާއު، މައިޒާން އާސިފް، ސީއެންސީ މަނިކު، ކްރޮސްވޯލްޑް ލަތީފް، ސަންލޭންޑް ނަޒީރު، ފަދަ ކުރިން ޚިދުމަތްކުރި ބޭފުޅުންގެ ނަން ފާހަގަކުރެވުނު ތަނެއް ނުފެނުނު.