މިއީ ނ.މާފަރަށް އުފަން ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 21 އަހަރުގެ ޔޫނުސް ހަސަންފުޅުގެ ވާހަކަ އެވެ. 2001 ވަނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު އުފަންވި ޔޫނުސް އަކީ އުފަންވި އިރުވެސް މަންމަން ކުއްޖެކެވެ. އަޑެއް ނީވެއެވެ. ވާހަކައެއްވެސް ނުދެއްކެއެވެ.

ޔޫނުސްގެ އާއިލާ އަކީ ރަށުގެ ނިޞްބަތުން ވަރަށް ނިކަމެތި އާއިލާއެކެވެ. ޔޫނުސްގެ އެއްބަނޑު އެއްބަފާ 5 ކުދިން ތިބި އިރު، ޔޫނުސްގެ އުމުރުން ހަ މަހުގައި އޭނާގެ ލޯބިވާ ބައްޕަ، ހަސަން ކުޑަހުއްތު ވަނީ މި ފަނާކުރަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ޔޫނުސް އުޅެ ބޮޑުވީ ބައްޕައެއްގެ ލޯބި ނުލިބި، އޭނާގެ މަންމަ ކައިރީގައެވެ. ޔޫނުސްގެ ހުރިހާ އުފަލެއްވެސް ގުޅިފައިވަނީ އެ މަންމަ އާއެވެ.

ޔޫނުސް - އަޑު ނީވޭ، ވާހަކަ ނުދެއްކޭ ނަމަވެސް އެންމެންގެ ލޯތްބާއި ތަޢުރީފް

އެހެން ކުދިންނެކޭ އެއްފަދައިން ޔޫނުސް ވެސް އުފާވެރި މުސްތަގުބަލަކަށް ފޮނި އުންމީދުތަކެއް ކުރެެެއެވެ. އެހެން ކުދިންނެކޭ އެއްގޮތަށް ސުކޫލަށް ގޮސް ރަނގަޅު އިލްމެއް ހާސިލްކޮށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވާން އިންތިހާއަށް ބޭނުންވެއެވެ. އެކަނިމާ އެކަނި ޔޫނުސް ބަލާބޮޑުކުރި އޭނާގެ މަންމަ އަށް ހިދުމަތްކުރާނެ ސޯލިހް ދަރިއަކަށްވާން އަބަދުވެސް ބޭނުންވެއެވެ. ރަނގަޅު ވަޒީފާއަކަށް ގޮސް ޒިންމާދާރު މީހަކަށް ވާން ބޭނުން ވެއެވެ.

މިއަދު އޭނާގެ ހުވަފެންތައް ވަނީ ހަގީގަތަކަށް ވެފަ އެވެ. އެއީ މާފަރު ފެނަކަ އޮފީހުން ވަޒީފާ ހަމަޖެހިގެން ދިއުމުން ނެވެ.

ޒަހީން އަބްދުﷲ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މާފަރު ފެނަކައިގައި ވަޒީފާއެއް ހުސްވެފައި އޮންނަތާ ވަރަށް ދުވަސްވެފައިވުމުން އެ ވަޒީފާ ޔޫނުސްއަށް ހަމަޖައްސައިދިނުމަށް ފެނަކައިގެ އެމްޑީ މުހައްމަދު ސައީދުގެ ކައިރީގައި އެދުނު ކަމަށެވެ.

ޔޫނުސްގެ މަންމަގެ ސިޓީއާއި އިތުރު މައުލޫމާތު ފެނަކައަށް މެއިލްކުރި ދުވަހު ޔޫނުސް މަންމައަށް ހެޑްއޮފީހުން ގުޅި ކަމަށާއި އަދި އޭގެ އަށް ދުވަސް ފަހުން ޔޫނުސް ވަޒީފާއަށް ނިކުތުމަށް އަންގާފައިވާ ކަމަށް ޒަހީން ބުންޏެވެ.

ޒަހީން ޕޯސްޓްގައި ބުނެފައި ވަނީ ވާހަކަ ނުދެއްކުނަސް، އަޑު ނީވުނަސް މިއަދު ޔޫނުސް ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި އޭނާގެ މަންމަގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އޮހޮރިގެން ދިޔަ ކަމަށް ޒަހީން ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޒީ

    ކުރާނޭ މަސައްކަތެއްނެތްޙާލު ، ގާތްމީހުން މުސާރަދީފައި ބައިތިއްބާތަން ދޯ؟

    4
    8
  2. ރާއީ

    ރައީސް ޔާމީންގެ ފެށުން ކާމިޔާބު

    15
    2
  3. ހެންސމް

    އަލްހަމަދުލިއްލާހި...

    24
  4. ދިރާ

    ޢާރޓިކަލް ގައި ހިމަނާފައިވާ ފޮޓޯގެ ތަފްސީލު ހިމަނާލި ނަމަ ވަރަށް ފުރިހަމަވީސް.