ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި މުހިއްމު ދިރާސާތަކުގެ މައުލޫމާތު ހިމެނޭ ފޮތެއްކަމުގައިވާ "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް 2018-2021" އާންމު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އެ ފޮތް ޝާއިރު ކުރުމުގެ މައިގަނޑު މަގުސަދަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ކުރެވިފައިވާ ސިއްޙީ ދިރާސާތަކުގެ މައުލޫމާތު ފަސޭހަކަމާއެކު އެއްފޮތަކުން އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އަދި ޞިއްޙީ ދިރާސާކުރާ ފަރާތްތަކުގެ މަސައްކަތް ގައުމީ ފެންވަރުގައި ދައްކާލުމުގެ އިތުރުން އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ކަމަށެވެ.

އެ ފޮތުގައި 30 އަށް ވުރެ ގިނަ ސިއްޙީ ދިރާސާތަކުގެ އެބްސްޓްރެކްޓް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި، ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކަށް ފަރުވާދިނުމާއި، ސިއްހީ ހިދްމަތްތައް ފަދަ މައުލޫތަކަށް ހެދިފައިވާ ދިރާސާތައް ހިމެނޭ ކަމަށެވެ އަދި ކޮވިޑް-19އާ ގުޅޭގޮތުން ފާއިތުވި 2 އަހަރުގެ ތެރޭގައި ހެދިފައިވާ ދިރާސާތައްވެސް އެ ފޮތުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އެ ފޮތުގެ ޒަރިއްޔާއިން ސިއްޙީ ދިރާސާކުރާ ފަރާތްތަކަށާއި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭނުންތެރި، ފެންވަރު ރަގަޅު ދިރާސާތަކެއް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.