އަމާޒަކީ ސިއްހީ ދާއިރާ އާއި ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް، ސިއްހީ ދިރާސާ ކުރުމަށް މަގުފަހިވާ ވެއްޓެއް ދިވެހި ރާއްޖޭގައި ގާއިމު ކުރުން ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި މުހިއްމު ދިރާސާތަކުގެ މައުލޫމާތު ހިމެނޭ ފޮތެއްކަމުގައިވާ "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް 2018-2021" އާންމު ކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއާ ގުޅުންހުރި ދިރާސާ ކުރުމަކީ، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ފަދަ ދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި، ބަލިމަޑުކަމުން ރައްކާތެރިވުމަށާއި ބަލިތަކުން ފަރުވާ ހޯދޭނެ ގޮތްތައް ދެނެގަނެވި، ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ދިރިއުޅުން ބައްޓަންކުރަންޖެހޭ ގޮތްތައް އެނގިގެންދާ ކަމަށެވެ.
"ސިއްޙީ ހިދްމަތްތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތައް ހޯދި، ސިއްޙީ ދާއިރާއަށް ބޭނުންތެރި ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހިވެގެންދޭ. ފާއިތުވި 2 އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ސިއްޙީ ދިރާސާގެ މުހިންމުކަން ފާހަގަވެގެންދިޔަ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރެވި، މި ބަލިން ރައްކާތެރިވުމަށް ވެކްސިން އީޖާދުކުރެވުނީ ކުރެވުނު ދިރާސާތަކުގެ އަލީގައި. ދިވެހި ރާއްޖޭގައި ސިއްޙީ ދިރާސާ ކުރިއެރުވުމަކީ މިނިސްޓްރީ އޮފް ހެލްތުން އަބަދުވެސް އިސްކަންދޭކަމެއް. މިގޮތުން، ރިސާރޗް ބުލެޓިންއެއް ކޮންމެ އަހަރަކު މިނިސްޓްރީ އޮފް ހެލްތުން ނެރޭ. މީގެ އިތުރުން، ސިއްޙީ ދިރާސާކުރުމުގައި އެންމެ އިސްކަންދެވޭ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ކޮންމެ 3 އަހަރަކުން ކުރެވޭ." މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
އެގޮތުން، 2022 އިން 2025 ވަނަ އަހަރަށް ސިއްހީ ދިރާސާކުރުމުގައި އެންމެ އިސްކަންދެވޭ ދާއިރާތައްވަނީ މިއަހަރުގެ ކުރީކޮޅު އިއުލާންކޮށްފައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަމާޒަކީ ސިއްހީ ދާއިރާ އާއި ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް، ސިއްހީ ދިރާސާ ކުރުމަށް މަގުފަހިވާ ވެއްޓެއް ދިވެހި ރާއްޖޭގައި ގާއިމު ކުރުން ކަމަށެވެ. މިއަދު ނެރުނު "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާޗް އިން މޯލްޑިވްސް 2018-2021"އަކީ އެ އަމާޒަށް ވާސިލްވުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ދިރާސާކުރުމުގެ ގާބިލްކަމާއި ހުނަރު ލިބިފައިވާ ފަރާތްތައް ރާއްޖޭގައި އެބަ ތިބި ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ސިއްހީ ދިރާސާކުރުން އިތުރަށް ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން، ސިއްޙީ ދިރާސާކުރާނެ އިތުރު ފުރުސަތުތައް ހޯދައިދިނުމާއި ފަހިކޮށްދިނުމާއި، ދިރާސާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ފަންޑިންގް ފަސޭހަކަމާއެކު ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.
"އެހެން ޤައުމުތަކެކޭ އެއެފަދައިން މި ދާއިރާ ކުރިއެރުވުމަށް، ހެލްތު މިނިސްޓްރީއާއެކު ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި ޕްރައިވެޓް ސެކްޓަރުން އަދާ ކުރަންޖެހޭ ދައުރު ވަރަށް މުހިންމު. މިއަދު މިނެރެވޭ ފޮތުގައި ހިމެނިފައިވާ ސިއްޙީ ދިރާސާތައް ކުރެއްވި ފަރާތްތަކުގެ އަގުހުރި މަސައްކަތް ފާހަގަކޮށް، އެބޭފުޅުންނަށް އަޅުގަނޑު ޝުކުރުދަންނަވަން. އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް، ދިވެހިރާއްޖޭގެ ރިސަރޗް ކޮމިއުނިޓީން އަދާކުރާ މުހިންމު ދައުރު މި ފޯރަމްގައި އަޅުގަނޑު ފާހަގަކޮށްލަން. މިފޮތުގެ ޒަރިއްޔާއިން ދިރާސާކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ މާހައުލަށާއި ކޮންޓެކްސްޓަށް ބޭނުންތެރި ދިރާސާތައް މިއަދަށްވުރެވެސް ފުރިހަމަކޮށް އަދި އިތުރަށް ހެދުމަށް ރާއްޖޭގެ ރިސާޗް ކޮމިއުނިޓީގެ ފަރާތުން މިނިސްޓަރު ވަނީ އެދިފަ އެވެ. އުއްމީދަކީ ރާއްޖޭގައި ސިއްހީ ދިރާސާކުރުން އިތުރަށް ފުޅާވެ، ސިއްހީ ދިރާސާތަކުގެ ޕަބްލިކޭޝަންތައް އިތުރުވެގެންދިއުން ކަމަށާއި އެ ދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިއެރުންތައް ލިބިގެންދިއުން ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަން

    ހަތަރު އަހަރުވީއިރު އަމާޒު ހިފާކަށް ނޭގުން އަމާޒުގެ ވާހަކަ ދައްއެގުނީ 2023ގެ އިންތިޚާބު ބޯމަތިވީމައި! މިހިހަންރޫފައިވާ މީހާ އަމާޒު ހިފަންވީ ސިައްހީ ދާއިރާއަށް ކިޔަވައިގެންތިބި ޒުވާން މިނިސްޓަރަކު ގެންނަން!

  2. ސިންހޫތު

    ކުރަފި ބުއްދި، ވެރިކަން މިއަދު ދައްކާވާހަކަ މާދަމާ ހަދާނެއް ނިހުންނާނެ،
    ދެން ކިންއަމާޒެއް ހިފޭނީ..

  3. ޙުސެންބެ

    މީނާ އަދިވެސް ގަދަކޮށްފަ ހުންނަން ބޭނިންވަނީ ހެޔޮވާނެތަ ދާއިރާއިން ކިޔަވަގެން ތިބިމީހުންތައް ކޮބާތަ ހަމަޗުއްޕުވެސް ބުނަންނުކެރިފަތަ

  4. އަބްދޫ

    އަބަދުވެސް ދިރާސާ ދިރާސާ މިސަރުކާރު އައިފަހުން ރާއްޖޭގެ ސިއްހީތަންތަން ބޮޑްހަދާ ހެލްތުންވަކިކޮށް ޓާސަރީ ހޮސްޕިޓަލްހަދައިފި . ފެންވަރު ދިޔައީ ދަސަށް، ގއ. ވިލިގިލީމީހަކު ފައިކަފައިގެންގޮސްގެން ފަހާލާނެ ރޮދިކޮޅެއް އަތޮޅުހޮސްޕިޓަލުންނުލިބިގެން ރީޖަނަލް ހޮސްޕިތްލް ތިނަދޫން ނުލިބިގެން މާލެއިންގެންދަންދެން ނާރުތަކުގަ ބާރަށް އައްސައިގެން އުޅުނުވާހަކަ ދާދިފަހަކުންއަޑުއެހިން މިހިސާބަށް ގައުމުގެ ހާލަތު ގޮއްސި.

  5. ހަސަދު

    ދިރާސާ އެއްވެސް ނުކުރެވޭނެ. ދިރާސާ ކުރަނަ ހުރިތަން ގައުމީ ޔުނިވަރުސިޓީ ސިޔާސީ މީހުން ލައިގެން ބޮއްސުންލައިގެން ދާއިރުވެސް ސަރުކާރު ކުޅިބަލަން. ގައުމު 5 އަހަރު ފަހަތަށް.