މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގައި އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަންނަން ނިންމުމުން އޭނާގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ކުރަނީ ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ނޫމަޑިއާއެކު ސަރުކާރުން ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލުކުރި މައްސަލައިގައި ނެދަލޭންޑްގެ އާބިޓްރޭޝަނުގައި ނޫމަޑިއާ އެއްކޮޅަށް ދޮގު ބަޔާނެއް ދެއްވި ކަމަށްބުނެއެވެ.

އެ މައްސަލައާ ގުޅިގެން މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅީ ކުށްކުރި ތަން ދައުވާގައި ނެތުމުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އާއި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް އެދިއެވެ.

ކްރިމިނަލް ކޯޓުން ނިންމީ އެއިން އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެ، ދައުވާއައިގެން ކުރިޔަށް ދިއުމަށެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގެ އެ ނިންމުމާއިމެދު ހިތްހަމަނުޖެހި މުއިއްޒުގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިވެސް ގެންފައެވެ.

މި މައްސަލައިގާ ދައުލަތުން މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ނޫމަޑިއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލައިގައި 155 މިލިއަން ޑޮލަރުގެ ބަދަލަކަށް އެ ކުންފުނިން އާބިޓްރޭޝަންގައި ދައުވާ ކުރުމުން، ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، އެ ކުންފުންޏަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދީފައެވެ.