ކުރިއަށް ތިން ދުވަހަަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށާއި ވިއްސާރަ އަލިވާން ފަށާނީ އަންނަ ހަފްތާގެ ހޯމައިން ފެށިގެން ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ މީޑިއާ އޮފިޝަލު "ވަގުތަށް" ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި ހޮނިހިރު ދުވަހާއި ހަމައަށް ވިއްސާރަވާނެ ކަމަށެވެ.

ބޮޑަށް ވިއްސާރައީ މެދު ރާއްޖެ ތެރެއާއި ދެކުނު އަތޮޅުތަކަށް ކަމަށާއި އުތުރުގެ އަތޮޅުތަކަށް މިރެއިން ފެށިގެން ވިއްސާރަ ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"މިރެއިން ފެށިގެން މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ. ބޯކޮށް ވާރޭ ވެހޭނެ އަދި ވައި ވެސް ގަދަވާނެ." އޮފިޝަލު ވިދާޅުވި އެވެ.

ވިއްސާރަވެފައި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ފާހަގަކުރައްވަމުން އޮފިޝަލު ވިދާޅުވީ ހުރިހާ އަތޮޅުތަކަށް ވެސް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގައި ވިއްސާރަ މަޑުވާން ފަށާނެ ކަމަށެވެ. ނަމަވެސް ބައެއް ސަރަހައްދުތައް ކުޑަކޮށް ވިއްސާރަވާނެ ކަމަށެވެ. މޫސުން އެއްކޮށް ރަނގަޅުވާން ފަށާނީ ހޯމަ ދުވަހުން ފެށިގެން ކަމަށް ވިދާޅުވި އެވެ.

ވިއްސާރައިގައި ލިބިދާނެ ގެއްލުންތައް ކުރިއާލައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބެލުމަށް އިލްތިމާސް ކުރެ އެވެ.