ހަރަދު ކުޑަކުރުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކާއި ހިންގާ ބޮޑެތި ކޮރަޕްޝަންތައް ހުއްޓާލަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވާހަކަދައްކަވާފައިވަނީ އަންހެނުން ކޮމެޓީތަކާއި ރަށު ކައުންސިލްތަކުގެ ބައިއިލެކްޝަންތައް މާގިނައިން ބާއްވަން ޖެހި، އެ އިންތިހާބުތައް ގަނޑުކޮށް އަހަރަކު އެއްފަހަރު ބޭއްވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުމަށް ކަމަށްބުނެ، އެފަދަ އިންތިހާބުތަކެއް ނުބާއްވާ ފަސްކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، ހަރަދު ކުޑަކުރަންޏާ ކުރެވިދާނެ ބައިވަރު ކަންކަން އެބަހުރި ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ހަރަދު ކުޑަކުރަންޏާ އެކަންކަން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.

"2018 ވަނަ އަހަރު އައްޑޫ އަތޮޅު އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންނަންހުރި މެޝިންތަކާއި އެއްޗެހި ހުރީ އެސްޓީއޯއަށް އެެވޯޑުކޮށް ހަވާލުކޮށްފައި. މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު 2019 ވަނަ އަހަރު އޭސީސީއަށް ސިޓީއެއް ފޮނުވައިގެން އެސްޓީއޯގެ ޑޮކިއުމެންޓުތައް ހުށަހެޅީ 30 ސިކުންތު ފަހުންކަމަށް ބުނެ އެ ބީލަން ބާތިލުކުރުވީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ބާތިލުކުރުމަށްފަހު އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރީ 175 މިލިއަން ރުފިޔާއަށް ކަމަށެވެ. އެހެންކަމުން އެއީ އެސްޓީއޯއިން އެ މަޝްރޫއަށް ހުށަހެޅި އަގަށްވުރެ 25 މިލިއަން ރުފިޔާ ބޮޑު އަގެއްކަމަށެވެ.

"ދެން މި 25 މިލިއަނަށް ވީގޮތް ތިބޭފުޅުން ބައްލަވާ. އިންތިހާބަކަށެއް ނޫން އެ ދިޔައީކީ އިނގޭތޯ. އެހެން ގޮތްގޮތަށް އެ 25 މިލިއަން ދިޔައީ. އެހެންވީމާ ހަރަދު ކުޑަކުރަން ވެއްޖިއްޔާ ބައިވަރު ގޮތްގޮތް އެބަހުރި ހަރަދު ކުޑަކުރެވޭނެ" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ ސަރުކާރުގެ ބައެއް އެހެން މަޝްރޫއުތަކުގައި ވެސް ވަރަށް ބޮޑަށް ކޮރަޕްޝަން އެބައޮތް ކަމަށެވެ.

އެހެންވެ، އޭނާ ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަކުރަން ބޭނުންނަމަ ކުރެވިދާނެ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. އަދި، މިފަދަ ނިންމުމެއް ނިންމަން އުޅެނީ ހަމައެކަނި ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

"ފުރަތަމަ ދައުލަތުގެ ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރަމާ ހިނގާ. ޓެކްސް ގާނޫނު ހުށަހެޅީއިރުގައި މިއޮތީ ޓެކްސް ބޮޑުކުރަން ވާހަކަ މިދައްކަނީ ރިކަރެންޓް ހަރަދު ފޫބެއްދުމަށްޓަކައި. އެއަކުންނެއް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަކަށް ހަރަދެއް ނުކުރެވޭ. އެއަކުން ރަށްރަށުގައި ގާއިމްކުރަން ޖެހެ ނަރުދަމާއަކަށް ނޫނީ ބަނދަރަކަށް ހަރަދެއް ނުކުރެވޭ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކޮށްގެން ސަރުކާރުގެ ވެރިންގެ އޮފީސްތައް ޒީނަތްތެރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަފީފް މާވަރަކަށް މި ހެލްތު މިނިސްޓުރީގެ ކަންކަމާއި އަޅައިގެން މިއުޅެނީ ކީއްވެތޯ ؟ އަފީފަކީވެސް މެޑިކަލް ސާމާން އިންޕޯޓްކުރާ ކުންފުނިއެއްގެ ހިއްސާދާރަކަށްވެފައި އަފީފު ކުންފުނިން ބިޑުކުރާ ސަރުކާރުގެ ބިޑުތަށް އަފީފް ކުންފުނިޔަށް ނުލިބޭތީ ރުޅިއައިސްގެންތޯ ؟

    11
    5
  2. އަހްމަދު

    މަށަށް ހީވަނީ އަފީފު ހަމަބިމަށް ފައިބާ ފައިގާ ކިލާހޭކުނީހެން. މިހާރު އެބަ ރަނގަޅުވޭ.

    15
    1
  3. އަހުމަދު

    ވ ބަރާބަރު ވާހަކަ އެށް އެ ވިދާޅުވީ

    1
    1