ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.

އެމްއެންޑީއެފްގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ މި ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިން ވެސް މި ދަތުރު ކުރެއްވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރެއްވުމަށްފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދުދޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި ދަތުރު ކުރައްވާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި ރައްކާތެރި މަގެއް ޚިޔާރުކުރައްވައި ދަތުރުކުރެއްވުމަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހަފްތާގެ ހޯމައިން ފެށިގެން ކަމަށެވެ.

ވިއްސާރައިގައި ލިބިދާނެ ގެއްލުންތައް ކުރިއާލައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.