ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން މެމޯ ހެއްދުމުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ދައުލަގެ ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

މިއަދު ހެނދުނު 8:19 ގައި އައިޖީއެމްއެޗްގެ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ސިސްޓަމްތައް ވަނީ ޑައުންވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެ މައްސަލައާއި ގުޅިގެން ހޮސްޕިޓަލްގައި މެމޯ ހެއްދުމުގެ ހިދުމަތް ވަގުތީ ގޮތުން ވަނީ މެދުކެނޑިފައި ކަމަށާއި އެކަމަށް ކަސްޓަމަރުންގެ ކިބައިން އައިޖީއެމްއެޗްއިން ވަނީ މާފަށް އެދިފަ އެވެ.

އަދި ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަގުތަށް" ވިދާޅުވީ ސިސްޓަމް ޑައުންވެގެން މެމޯ ހެއްދުމުގެ ހިދުމަތްތައް ހުއްޓިފައިވީ ނަމަވެސް ޑޮކްޓަރަށް ދެއްކުން ކުރިއަށްދާ ކަމަށެވެ. އަދި އެމާޖެންސީކޮށް ފަރުވާދިނުން ވެސް ކުރިއަށްދާ ކަމަށެވެ.

އައިޖީއެމްއެޗް އަށް ފަރުވާ ހޯދުމަށް ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ބަޔަކު ދެއެވެ. އެ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމަށް ވަރަށް ބޮޑު ކިޔޫއެއް އޮވެ އެވެ.