ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ރ.އަލިފުށި، މެޑޯޒް، އިބްރާހިމް މާހިރު އައްޔަނުކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާހިރު އެ މަގާމަށް އައްޔަނުކުރެއްވީ ރާއްޖޭގެ ފެމިލީ ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާއި "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއު ކުރުމަށްފަހު ކަމަށެވެ
އަދި އޭނާ އެ މަގާމަށް އައްޔަނުކުރަން ނިންމެވީ މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.
މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވަން ފެއްޓެވީ 2005 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ މަދަނީ ކޯޓުގައި ފަނޑިޔާރުކަމުގެ މަގާމެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ޤާސީކަމަށް ބަދަލުވީ 2010 މޭ 23 އެވެ. އެ ކޯޓުގެ ގާޒީކަމުގެ މަޤާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި މާހިރުވަނީ ހިދުމަތް ކުރައްވާފައެވެ.