މި އަަހަރުގެ ޖޫން މަހު މާލޭގައި 254 ކައިވެނި ކުރެވުނުއިރު، 79 ވަރި ކޮށްފައިވާ ކަމަށް ފެމެލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 130 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ ބާކީ ހިމެނޭ 129 ވަރީގެ މައްސަލައާއި ޖޫން މަހު ހުށަހެޅުނު 110 ވަރީގެ މައްސަލައާއެކު ޖުމްލަ ނިމިފައި ވަނީ 109 މައްސަލައެވެ. އަދި 130 މައްސަލައެއް ނުނިމި އެބަ އޮތެވެ.

ޖޫން މަހު ވަރި ސާބިތުކުރުމަށް 40 މައްސަލައެއް ހުށަހެޅުނުއިރު، ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 43 މައްސަލައެއް ނިންމާފައި ވެއެވެ. އަދި މަސް ނިމުނުއިރު، 17 މައްސަލައެއް ނުނިމި އެބަ އޮތެެވެ.

މިދިޔަ މަހު ވަރިވުމަށް އެދި 54 މައްސަލައެއް ހުށަހަޅާފައި ވެއެވެ. ކުރީ މަސްތަކުގެ 85 މައްސަލަ ހިމަނައިގެން އެބާވަތުގެ ޖުމްލަ 42 މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައެވެ. އަދި މަސް ނިމުނުއިރު، 97 މައްސަލައެއް ނުނިމި އެބަ އޮތެެވެ. އަދި މިދިޔަ މަހު ވަރި ކުރުމަށް 14 މައްސަލައެއް ހުށަހެޅުނުއިރު، އޭގެ ކުރީ މަހުގެ މައްސަލަތަކާއެކު ނިމުނީ 22 މައްސަލައެވެ.

މިދިޔަ މަހު ދަރިންގެ އެެހެނިހެން ހަރަދު ހޯދަން އެއްވެސް މައްސަލައެއް ހުށަހަަޅާފައި ނުވާއިރު، ކުރީ މަހުގައި ހުރި ހަތަރު މައްސަލައިގެ ތެރެއިން އެއް މައްސަލަ ވަނީ ނިންމާފައެވެ. އަދި ނުނިމި ތިން މައްސަލަ އެބަ އޮތެވެ. އަދި ދަރިންގެ ހަރަދު ހޯދަން ދެ މައްސަލައެއް ހުށަހެޅުނުއިރު، ކުރީ މަހުގެ މައްސަލަތަކާއެކު ޖުމްލަ ހަތަރު މައްސަލައެއް ވަނީ ނިންމާފައެވެ. އަދި ނުނިމި ފަސް މައްސަަލައެއް އެބަ އޮތެވެ.

އަދި މިދިޔަ މަހު އަނބިމީހާއަށް ހަރަދު ނުދޭ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިނުވާއިރު، ހަރަދު ނުލިބިގެން ކުރިން މަހު ހުށަހެޅި މައްސަލައެއް ވަނީ ނިންމާފައެވެ.