ސާބިތު ހަރަދު ނުދިނުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި އެކަކު ޖަލަށް ލައި ދެ މީހަކު ގޭބަންދުކޮށްފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

ފެމެލީ ކޯޓުން ވަނީ މި އަހަރުގެ ތެރޭގައި ސާބިތު ހަރަދު ނުދިނުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ އަދަދު ތަފާސްހިސާބުތައްް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސާބިތު ހަރަދު ދައްކަން ޖެހޭ ފަރާތުގެ މުސާރައިން އުނިކުރުމަށްފަހު ކޯޓަށް ޖަމާކުރުމަށް ތިން މައްސަލައެއްގައި ހުކުމްކޮށްފައިވެއެވެ. އެ ގޮތަށް އެންމެ ގިނައިން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގައެވެ. އެއީ 19 މައްސަލައެއްގައެވެ.

ޖޫން މަހުގެ ނިޔަލަށް ސާބިތު ހަރަދު ނުދައްކައިގެން ގޭބަންދު ކުރުމަށް ދެ މީހަކަށް ހުކުމްކޮށްފައި ވެއެވެ. މިދިޔަ އަހަރުގައި ސާބިތު ހަރަދު ނުދީގެން 16 މީހަކު ގޭބަންދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ސާބިތު ހަރަދު ނުދައްކައިގެން އެކަކު ވަނީ ޖަލަށްލައިފައެވެ. މިދިޔަ އަހަރުވެސް މި ބާވަތުގެ މައްސަލައިގައި ޖަލަށްލާފައިވާ އެކަކެވެ.

ފެމެލީ ކޯޓުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހު ވެސް ހަރަދުގެ ގިނަ މައްސަލަތަކެއް ވަނީ ކޯޓަށް ހުށަހަޅައިފައެވެ. އެގޮތުން އެ މަހު ސާބިތު ހަރަދު ނުދީގެން ހަތަރު މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

ދަރިންގެ ހަރަދުކެނޑުމަށް ހަތަރު މައްސަލައެއް ވެސް މެއި މަހު ހުށަހަޅާފައި ވެއެވެ. އަދި ދަރިންގެ ހަރަދު އަށް މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު ދަރިންގެ އެހެނިހެން ހަރަދި ހޯދުމަށް ތިން މައްސަލައެއް ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝައިޚް

    ތިކަމުން ތިޔަ އެގެނީ މީހުންގެއަތްމަތިތައް ތަނަވަސްވެ ޖީބުތައް ފުރާލާފަކަން ހެއްޔެވެ؟ ހެހެހެ

  2. Anonymous

    ތިއީ މަރުމޯލު ގާޒީން އުޅޭ ކޯޓެކެވެ. އަލީގެ ގާތުން ވަރިވި ނަޖީބާ ޢިއްދައިގެ ޚަރަދު ހޯދަން ތިކޯޓަށް ދިޔައިމާ، ތިކޯޓުގައި އުޅޭ މަރުމޯލުކަން ގަދަ ގާޒީ ޙުކުމްކުރަނީ ހުސޭނުއަށް ނަޖީބާ ދަރާ އޮތް ކަމަށެވެ. ނަމަވެސް އެ ދަރަނި އަދާކުރަންޖެހެނީ ސަލީމު ކަމަށާއި އެ ދަރަނި ލިބެންޖެހޭ ފަރާތަކީ ރަޝީދު ކަމަށެވެ. ވީމާ ތިކޯޓުން ކުރާ ޙުކުމްތަކުގައި އޮތީ ކޮން ޞައްޙަކަމެއް ހެއްޔެވެ؟ އެއް ގޮތަކީ މަރުމޯލު ގާޒީ ވަކިކުރުމެވެ. އަނެއް ގަޮތަކީ އޭނާ ޖަލަށް ލުމަށް ޙުކުމްކުރުމެވެ. މި ދެ ގޮތުންކުރެ އެއް ގޮތް ހަދަން އެބަޖެހެއެވެ. އެންމެން މިއުޅެނީ ބިންމަތީގައެވެ. ގާޒީން ތިބީ އުޑަކު ނޫނެވެ. މި ބުނި އެއްޗެއް އެނގިއްޖެ ހެއްޔެވެ؟

  3. އަލީ

    ހަރަދުދިނީމަ ނިންމާލަނީތޯ ކުދިންނަށް ހެޔޮލަފާ އުޅުމާއި އުނގެނުމާއި(އިސްލާމްދީން ވެސް ދަސްކޮއްނުދެވޭ މައިން ގިނައީ) ރަނގަޅު ކާނާ ކާން ދިނުމަކީ އެހަރަދު ނަގާމީހާ ކުރާކަމެއްތޯ ނުބަލާ ދޫކޮއްލަނީ ... ކާކު ކޮން މުއައްސަސާ އަކުންތޯ ބަލަނީ.