ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލް އޮތް ގޮތަށް ފާސް ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމުން އެޕާޓީގެ މެދު ހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅީ އޮގަސްޓް 28 ވަނަ ދުވަހުއެވެ. ސަރުކާރު ހިންގާ، އެމްޑީޕީގެ ޕާލިމަންޓްރީ ގްެރޫޕުން ތްރީލައިން ވިޕެއް ނެރެފައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެެވެ.

އެކަމާއި ގުޅިގެން އާޒިމް ވިދާޅުވީ އެކަމާ ގުޅިގެން ކޮމެޓީން ޓޫރިޒަމް ސެކްޓަރާއި، ވިޔަފާރިވެރިންނާއި އަދި ފިނޭންސް މިނިސްޓަރާއެކުގައި ވެސް މަޝްވަރާ ކުރުމުގެ ކުރިން ތްރީލައިން ވިޕެއް ނެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މަޝްވަރާ ކުރުމުގެ ކުރިން، ބިލު އޮތްގޮތަށް ފާސްކުރަން ތްރީލައިން ވިޕެއް ނެރުމުން ހިތަށް ވަންނަނީ ބިރުވެރި ހުދުމުހުތާރު ތަސައްވުރެއް" އޭނާ ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ:

  • ޖީއެސްޓީ- %6 އިން %8 އަށް ބޮޑުކުރުމަށް
  • ޓީޖީއެސްޓީ- %12 އިން %16 އަށް ބޮޑުކުރުމަށް

ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމިއިރު ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވެއެވެ.

މި ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ވިދާޅުވެފައިވަނީ ބިލު އިތުރަށް ދިރާސާކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

"ވިޔަފާރިވެރިން ގެންނަން ޖެހޭ. ފިހާރަ ހިންގާ ފަރާތްތަކާ އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް ބަޔަކު ގެނެސްގެން މިއާ ބެހޭ ގޮތުން އެބަ ވާހަކަ ދައްކަން ޖެހޭ. ކިހާ ގެއްލުމެއް އެ ފަރާތްތަކަށް ވާނެތޯ، އަޅުގަނޑުމެން މިފަދަ ކަމެއް ކޮށްފި ކަމަށް ވަނީ ނަމަ، ބަލަން ޖެހޭ،" މަޖިލީހުގައި ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2.5 ބިލިއަން ރުފިޔާ ހޯދަން ދައުލަތަށް ކުރެވިދާނެ އެހެން ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި އެގޮތުގައި ޓެކްސް ބޮޑުކުރަން އޭނާ ތާއީދުނުކުރައްވާނެ ކަމަށެވެ.

"އެހެންވީމަ 2.5 ބިލިއަން ރުފިޔާ ހޯދަން ރައްޔިތުންގެ އަތުން ޓެކްސް ނަގާކަށް އަޅުގަނޑެއް ހަމަ ޔަގީނުން ވެސް އެއްބަހެއް ނޫން" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަޔާޝީން

    ވޯޓުން ރޮއްވާލާނަން. ރައްޔިތުމީހާގެ ހައްގޭކިޔައިގެން ދުވި ގުރޫޕު.

    24
    1
  2. ޒީރޯޓޮލެރެންސް

    ކިތަންމެ ޓެކްސް ބޮޑުކުރިޔަސް މިސަރުކާަރަކަށް ދައުލަތުގެ ފައިސާއާ ބެހޭ ކަންތައް މެނޭޖު ކުރާކަށް ނޭނގޭނެ
    މިހާރު މައިރިޔާ އަޅައިގެން ދުއްވާ އޮޑީގެ މިއަހަރުގެ ބަޖެޓު ހުސްވެއްޖެ ކަމަށް ޚަބަރު ތައްކިޔާ
    ވީމާ މަށަށް ފެންނަނީ ބިޔަ ބޮޑު ބަޖެޓެއް ހުށަހެޅުމުގެ ބަދަލުގައި އަޅާ ދަޅަކާަ ނަގާ ދަޅަކާ ބަހައްޓައިގެން ހުސްވަންދެން ޚަރަދު ކުރުން ހުސްވީމާ ކޮންމެވެސް ސޭޓެއް ކައިރި އަށް ނާށިގަނޑު ހިފައިގެން ދާނީ އޯކޭ ވާނެ

    22
    1
  3. ނަމަ

    އާޒިމް ވެސް ތިޔަ ބިލައް ވޯޓު ދޭނެ ތިޔަ ގޮވެލި ފަތި ގޮވާފަ ވެސް

    17
    1
  4. ނާނި

    މީ ކިހާބޮޑު ކަމެއް، ނިކަމެތި ޢާންމު ރައްޔިތުން ފެލައިގެންތަ ސަރުކާރުގެ ބޮޑުންގެ ޖީބުތައް ފުރަންޖެހެނީ،
    މަތިިފަޑިގަ ތިބި މީހުންގެ މުސާރަތައް އެހާބޮޑު، ވެރިކަންކޮށްފައި ފައިބާތިބި މީހުންގެ އިނާޔަތްތައް އެހާބޮޑު،
    މިއިން އެއްޗެއް ނުކަނޑައި ރައްޔިތުން ފެލަން ދިމާކޮށްފަ ތިބި ބައގަނޑެއް މީ ،

    16
  5. ގަލަން

    އާޒިމް ވަރައް ހިއްވަރުގަދަ ޓެކްސް ބޮޑުކުރާކަންތަކުގަ އިންޑިއާއި އެހެންގައުމުތަކުން ލޯނުނަގައިގެން ދަރަނިވާން ފެސީމަ އާޒިމް ނޫން މީހަކައް ރައްޔިޔިތުންގެ ހައްގުގަވަކާލާތު ކުރާކައް ނުކެރުނު. ބޮޑެތި ލޯނުތައް ނަގައިގެން ގައުމު ދަރަން ފެސީމަ ރައްޔިތުމީހާ ހަފުސް ކޮއްލަން އެއުލެނީ ކީކޭ ބުނާނީ ދެއްތޯ!!

  6. Anonymous

    ތިތަނަށް ހުށަހަޅާ ރައްޔިތުންނާއި ގުޅުން ހުންނަށް ބަޔެއްބިލުތަކަށް ރައްޔިތުންގެ ހިޔާލު ހޯދަންވެސް އިއުލާންކޮށްފައެބަހުރި މީގެކުރިން އާންމުކޮށް، މަޖިލިހުން ތިކަން ކުރަން ރައްޔިތުންގެ ހިޔާލުވެސް ހޯދަންޖެހޭ، ބަޔެއް ބިލުތަކުގައި ހިޔާލު ހޯދާފަ އަނެއްބައި ބިލުތަކުގައި ހިޔާލު ނުހޯދާ ނަމަ ތިތަނުގެ ހަމަހަމަ ކަމާއި އިންސާފުވެރި ކަމަކީ ކޮބައިތޯ ؟

  7. ފާނަ

    ބަލަ އާޒިމް ތިނަގާޓެކުހެއް ނަގަނީ އާމުރައްޔިތުންގެ އަތަކުންނޫތޯ ހަމައެކަނި ވިޔަފާރި ކުރާ މީހުން ނާއި ގެސްޓް ހައުސް ތައްހިގާމީހުންމިހާރު ތި ފެންނަނީ މާދަމާ ވޯދަންވީމަ އެކަނި ދޯ ރައްޔިތުންގެ މަތިންހަނދާންވާނީ