ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ހުންނަ ހައި ކޮމިޝަން، ކޮންސިއުލޭޓް އަދި އެމްބަސީތައް ހިމެނޭ ގޮތަށް ޑިޕްލޮމެޓިކް މިޝަންތަކަށް ކުރާ ހޭދަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އެ ބަޖެޓުގައި އަންނަ އަހަރު ފޮރިން މިނިސްޓްރީ އަށް 368 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެއެވެ. ނިމިގެން ދިޔަ އަހަރު ފޮރިން މިނިސްޓްރީގެ ބަޖެޓަކީ 321 މިލިއަން ރުފިޔާއެވެ. އެހެންކަމުން ފޮރިން މިނިސްޓްރީގެ މި އަހަރުގެ ބަޖެޓު 12 އިންސައްތަ އިތުރުވާނެއެވެ.

އޭގެ ތެރެއިން 303 މިލިއަން ރުފިޔާ ޑިޕްލޮމެޓިކް މިޝަންތަކަށް ކަނޑައަޅާފައިވާ އިރު ފޮރިން މިނިސްޓްރީއަށް ސީދާ ކަނޑައަޅާފައި ވަނީ އެންމެ 65 މިލިއަން ރުފިޔާއެވެ.

ޑިޕްލޮމެޓިކް މިޝަންތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައި ވަނީ ގިނަ އަދަދެއްގެ ދިވެހީން މިހާރު ދިރިއުޅެމުން ގެންދާ ސްރީލަންކާ އާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށެެވެ. ލަންކާގައި ހުންނަ އެމްބަސީއަށް 36 މިލިއަން އަދި މެލޭޝިއާގައި ހުންނަ އެމްބަސީއަށް 32 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

އެންމެ ކުޑަ ބަޖެޓެއް ކަނޑައަޅާފައި ވަނީ ޕާކިސްތާނާއި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގައި އެމްބަސީއަށެވެ. އެގޮތުން ބަންގްލަދޭޝްގެ އެމްބަސީއަށް 8.7 މިލިއަން އަދި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް 8.9 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ރާއްޖެއިން ބޭރުގައި ރާއްޖޭގެ 19 ޑިޕްލޮމެޓިކް މިޝަން ދަނީ ހިންގަމުންނެވެ. ނަމަވެސް އެ މިޝަންތަކަށް ބޭކާރު ފައިސާ ހޭދަކުރާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން އަބަދުވެސް އަމާޒުވެއެވެ. ހާއްސަކޮށް ސިޔާސީ އެކި ފަރާތްތަކަށާއި އެ މީހުންގެ ތިމާގެ މީހުންނަށް އެމްބަސީތަކުން ވަޒީފާދީ ބޮޑެތި މުސާރަ ދޭ ކަމުގެ ތުުހުމަތު ވެސް ވަނީ ކުރެވިފައެވެ.