މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ބޮޑުކުރުމުން މުދަލާއި ހިދުމަތުގެ އަގުތައް ހައްތަހާ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓު ފޮތުގައި ބުނެފިއެވެ.

ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅީ އޮގަސްޓް 28 ވަނަ ދުވަހުއެވެ. ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ:

  • ޖީއެސްޓީ- %6 އިން %8 އަށް ބޮޑުކުރުމަށް
  • ޓީޖީއެސްޓީ- %12 އިން %16 އަށް ބޮޑުކުރުމަށް

މިއަދު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި އެކަމާއި ގުޅިގެން ބުނެފައިވަނީ ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން މުދަލުގެ އަގު ހައްތަހާ ބޮޑުވެގެންދާނެ ކަމަށެވެ. އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 5.4 އިންސައްތައިގައެވެ.

މާލޭގެ ލޯކަލް މާރުކޭޓު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިގޮތުން ފާހަގަކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކާއި ބަލާއިރު ކުޑަ މިންވަރެއް ކަމަށެވެ. އަންނަ އަހަރު އެވްރެޖްކޮށް ދުނިޔޭގެ އިންފްލޭޝަން ހުންނާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފައިވަނީ 6.5 އިންސައްތައިގައެވެ.

"ޖީއެސްޓީ ބޮޑުކުރުމުން 2.5 އިންސައްތަ އިން އަގުތައް މަތިވާނެ ކަމަށް އަންދާޒާ ކުރެވެއެވެ." ބަޖެޓުގައި ލިޔެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ ޓެކްސް ބޮޑުކުރުމާއި ފިއުލް ސަބްސިޑީ މުރާޖައާ ކުރުމުގެ ސަބަބުން ތަކެތީގެ އަގުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑު އަސަރެއް ކުރާނެކަން ފާހަގަކޮށް ބުނެފައިވަނީ އެކަން ހައްލުކުރުމަށްޓަކައި ޑައިރެކްޓް ސަބްސިޑީއެއް ދިނުމަށް ނިންމާފައިވާނެ ކަމަށެވެ.

"ތަކެތީގެ އަގުތަކަށް މި އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށެވެ. އެގޮތުން، އެކިއެކި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން މިފަރާތްތަކުގެ މާލީ ހާލަތު އިތުރަށް ހީނަރުވިޔަ ނުދިނުމަށްޓަކައި، 2023 ވަނަ އަހަރުގެ ތެރޭގައި ޑައިރެކްޓް ސަބްސިޑީގެ ނިޒާމެއްގެ ތެރެއިން އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ރާވައިފައެވެ." އޭގައިވެއެވެ.

ލޯކަލް މާރުކޭޓު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމިއިރު ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައިވެއެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ހުށަހެޅުމާއި ގުޅިގެން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ތެރޭގައި ވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

މިގޮތުން، އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޓެކްސް ބޮޑުކުރުމަށް ތާއީދުނުކުރައްވާއިރު ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ އެއީ ކޮންމެހެން ވެސް މިވަގުތު ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެގޮތަށް ވޯޓު ދިނުމަށް ގޮވާލަމުންނެވެ. އެ ބިލާއި ގުޅިގެން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.

އެކަމަކު، ސަރުކާރުން ބުނެފައިވަނީ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށާއި އެއީ އެހެން ގައުމުތަކުގައި ވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ޓެކްސް ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމެޓީން މިހާރު ވަނީ ފާސްކޮށްފައެވެ. ބިލުގައި އޮތް ގޮތަށް ކޮމިޓީއިން އިސްލާހު ފާސްކޮށްފައި ވަނީ 50 މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަރީ

    ދުނިޔޭގެ އެންގަމު ތަކެކޭ ކިޔައިގެން އަންނަކޮންމެ ސަރުކާރަކުން ރައްޔިތުން ފެލަން ވެއްޖެއްޔާ ވާނީ ހަލާކު

    28
  2. ސަންބެޑު

    ރ ޔާމީން ތިޔަ ޓެކުސްތަށް ނަށްތާލާނެ އަދި ގައުމު އިހުނަށްވުރެ ތިޔާގި ކުރާނެ ބަނގުރޫޓުބެފައޮތް ސަރުކާރަކުން ފެންނަ ހުރިހާ މަންޒަރެއް މުއަދު ފެނިގެން އެބަދޭ ހުދުމުހުތާރު ވެރިކަން މިއަދު ރަށްޔަތުން ނިކުމެ ބާލަން އެބަޖެހޭ މިއަދު މިނޫންގޮތެއް ރައްޔަތުންނަކަށް ނެތް މިވާހަކަ ހިތުތެރޭ ބާއްވައިގެން މިއަދު ތިބެވޭކަށްނެތް ގައުމުފުނޑިއްޖެ.

    37
    1
  3. ސުހައިލް

    އެހެންވީމާ ތިޔަ ޓެކުސްގެ ސަބަބުން އާންމުތަކެތީގެ އަގު އުފުލި އިންފުލޭޝަން މައްޗައް ގޮސް ރައްޔިތުންއަތުގައި މަހަކު ބާކީ ވާނެ ފައިސާ މަދުވެ އަދި އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންލިބި އާމްދަނީވެއްޓި އިންވެސްޓްމަންޓް ވެއްޓި މުގައުމުގެ އިގްތިސޯދު ދަށައް ދާނެކަން ތިއޮތީ ފިނޭންސުން އެއްބަސް ވާކަމުގެ ހެއްކެވެ. މިއީ މެކްރޯއިކޮނޮމިކް ކޮންޓުރެކްޝަނަރީ ފިސްކަލް ޕޮލިސީގެ ދަށުން މުޅި އިގްތިސޯދު ކުޑަ ކޮއްލުމެވެ. ސުވާލަކީ ދަރަނިވެރި ވެފައިވާ ގައުމަކަށް ބޭނުންވަނީ އިގްތިސޯދު ކުޑަކޮއްލަން ނުވަތަ ކޮންޓުރެކްޓު ކޮއްލުންތޯ، އިގްތިސޯދު ބޮޑުކޮއްލާފައި އެކުސްޕޭންޝަނަރީ ފިސްކަލް ޕޮލިސީ ހިންގުންތޯއެވެ. މި ސުވާލަށް މެކްރޯއިކޮނޮމިކް ފަންނީ ޖަވާބެއް ދޭނެ ބަޔަކު ސަރުކާރުގަ އެބަތިބިތޯ.؟

    28
  4. ސަރުތު

    ނުކުޅެދޭ ފަރާތްތަކަށް, އެކަނިވެރި މައިންނަށް، 65 އަހަރުން މަތީ މީހުނަށް ދޭ އެކި އެލަވަންސް ތަށް ބޮޑުކުރަމުން އަންނައިރު ސަރުކާރުގަ ބުރަ މަސައްކަތްތަކެއް ކޮށްފަވާ ފަރާތްތަކަށް ދޭ ޕެންޝަން އެލަވަންސް އަށް ބަދަލެއް ގެންނަން ވިސްނަވާނަމަ....
    މި އެލަވަންސް އަށް ދޭފައިސާ 300ރ ހަމަނުވާ ފަރާތްތަށްވެސް ވޭ... ރަމަލާން މަހުގެ އިނާޔަތް ވެސް ލިބެނީ ސަރުކާރު މުވައްޒަފުންނަށް ކަމަށް ވާއިރު އުމުރުގެ ބޮޑުބައެއް ސަރުކާރުގަ ހޭދަކޮށްފަވާ ޕެންޝަނަރުން ނަށް ރަމަލާން މަހުގެ އިނާޔަތް ވެސް ހައްޤު....

    24
  5. ރިސްވަތު2023

    ޑައިރެކްޓް ސަބްސިޑީގެ ނިޒާމެއްގެ ތެރެއިން އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ރާވައިފައޭ ކިޔައިން އެއުޅެނީ އިންތިހާބައް ރިސްވަތު ފައިސާ ބަހަން

    17
    1
    • ބޮޑުވަގު

      އެއުޅެނީ ޕާރޓީ މީހުނަށް ހަދިޔާ ދޭން. އެކިޔާ ޑައިރެކްޓް ސަބްސިޑީ ނުލިބޭނެ ޕާރޓީ ނޫން މީހަކަށް. 2012 ވަނަ އަހަރުވެސް އެމްޑީޕީގެ ނައިބުރައީށް މުޙައްމަދު ޝިފާޒް ބުނި ޕާރޓީގެ މީހުނަށް ދީފަ ހުރިއްޔާ އޭ ފްލެޓްވެސް އެހެން މީހަކަށް ލިބޭނީ. އެހެންވީމަ އެމްޑީޕީގެ ވިސްނުން އެންމެނަށްވެސް މިހާރު އެނގޭނެ.

  6. ޢޭނަ

    ތިޔައީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއްހެން ސުރުހީކިޔާލުމުން އެބަހީވެ.

    11
  7. ފާނަ

    ހަމަ އެންމެ ގާނޫނު އަކުން ތިޔަކަން ޙައްލު ކުރެވޭނެ އެއީ ދިވެހި ރާއްޖޭގައި ވިއްކާ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ގާނޫނެއް އަވަހަށް ރައްޔިތުގެ މަޖިލީހުން އެކުލަވައިލާ އަވަހަށް ވުޖޫދަށް ގެނެސް އެ ގާނޫނާއި އަމަލުކުރޭ

  8. އަހުމަދު މުހައްމަދު

    އަޅުވެތި ކުރުމުގެ އާބާބެއް ފެށެނީ. ލުކް 30 އިޔާސްގެ ވެރިކަން . ބުރާއެންމެން މަޑުން ތިބެފަ ބަދަލަކަށް ވޯޓްލާ. މިގެއަށް ވޯޓް ހޯދަން އައިސް ލިބޭނެ އެއްޗެއް ނެތް. މަ އެކަނި ވެސް 1500 އަނބުރާ ލާނަން. ބައެއް އެމް ޑީ ޕީ މެމްބަރުން ސަރުކާރާ ދެކޮޅު ކަމަށް ދައްކާ ލަވާ ހަޅޭކަށް މަށެއް އިތުބާރެއް ނުކުރަން. އެއީ ރައްޔިތުންގެ ވިސްނުން އަނބުރާލަން ޖައްސާ ޑްރާމާ.

  9. އަހްމަދު

    އަގުތަށް ބޮޑުވާނެކަން އެނގޭއިރު ކީއްވެތޯ ޓެކްސް ބޮޑުކުރަނީ!