ކަދުރު ރުއް އިންދައިގެން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރާނެ ގޮތުގެ ކުރެހުންތައް މާލެ ސިޓީ ކައުންސިލުން މިއަދު ދައްކާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ހަތަރު ފޮޓޯއެއް އާންމުކޮށްފައެވެ. އަދި އެ މަގާ ގުޅޭ ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

މާލޭގައި ކަދުރު ރުއް އިންދަނީ

ކައުންސިލުން މާލެ ފެހިކުރުމަށް ކުރިއަށް ގެންދާ "އެއް ލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއް އިންދަން ފެށީ މިދިޔަ މެއި މަހުގެ 24 ގައެވެ. މާލޭގައި ފުރަތަމަ ކަދުރު ރުއް އިންދަވައި ދެއްވާފައި ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި ޕްރޮގްރާމްގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އެއްކޮޅުން، އަނެއް ކޮޅަށް ކަދުރު ރުއް އިންދާފައިވެއެވެ. އަދި އެ ރުއްތަކުގެ ބުޑުގެ ވަށައިގެން، ތިރި ފާރެއް ރާނައި، ވެލި އަޅާފައިވެއެވެ.

ކައުންސިލުން އާންމުކުރި ފޮޓޯތަކުގައިވާ ގޮތުން އެ ރުށްތަކުގެ ބުޑުގައި ރީތި މާގަސްތައް އިންދާނެއެވެ. އަދި އެ ރުށްތަކުގެ ބުޑު ހުންނާނީ މާލެ ސިޓީ ކައުންސިލްގެ ލޯގޯ ކުރަހައިފައެވެ.

ކޮންމެ ކަދުރު ރުކެއްގެ ދޭތެރޭގައި ހުންނާނީ 25 ފޫޓުގެ ދުރުމިނެވެ.

މި މަޝްރޫއަށް ހަރަދުވާނެ ފައިސާގެ އަދަދާއި އިތުރު އެހެން ތަފްސީލެއް ސިޓީ ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ގެ ދަށުން އިންދަން ހަމަޖެހިފައިވާ %65 ގަހަކީ އަނބުގަހެވެ. އަދި ބާކީ %35 ގެ ތެރޭގައި، ސައްކެޔޮގަސް، ހިތިގަސް އަދި ދަނބުގަސް، ފަދަ ގަސް ހިމެނިގެންދާނެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ކާނިވަލުގައި ގަސް ވިއްކާ ފިހާރައެއް ވެސް ހުޅުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ލޮލް. އަނެއްކާ ކަދުރު ރުއްތަކަށް ފައިސާ ދައްކާފަތޯ ބަލާދީބަލަ ކޮންމެވެސް މީހަކު

    1
    6
  2. ހުސޭނުބޭ

    ދެން ނުޖެހޭނެދޯ ސައުދީން ކަދުރު އެތެރެކުރާކަށެއް. ކެކެކެކެކެކެ

  3. ޗުކީ

    ކޮންމެ ރުކަކަށް ދުވާލަކަށް 500 ލީޓަރު ފެން މަދުވެގެން ބޭނުންވޭ