ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އުތުރުގައި 3700 ޓުރިސްޓް އެނދު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް އެގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ޔާސިރު އެއްސެވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވޭއިރު، އެ އުތުރުގައި ޓޫރިސްޓް ކިތަން އެނދު ހުންނާނެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ، ސަރަހައްދެއްގައި އެއާޕޯޓެއް ކާމިޔާބުކަމާއެކު ކުރިއެރުވުމަށް ޓަކައި އެ ސަރަހައްދަަކަށް 8000 އެނދު ބޭނުންވާ ކަމަށެވެ.

އެހެން ނަމަވެސް ހއ. ހދ. އަދި ށ. އަތޮޅު ހިމެނޭހެން އުތުރުގައި ރިސޯޓް، ގެސްޓް ހައުސް އަދި ހޮޓަލުގައި ޖުމްލަ ހުރީ 1724 އެނދު ކަމަށާއި އޭގެ ތެރެއިން ވެސް އޮޕަރޭޝަންގައި އޮތީ 1524 އެނދު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް ދެ އަހަރުގެ ތެރޭގައި އުތުރުގައި ދެ ރިސޯޓެއް ހުޅުވާނެ ކަމަށެވެ. އެއީ ހދ. ދިއްޕަރުފުށި އަދި ހދ. ނާގޯށީގެ ފޭސް އެކެއް ހުޅުވި 2304 އެނދު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 1،360 އެނދު ހިމެނޭހެން އިތުރު ހަތަރު ރިޒޯޓެއް އޮޕަރޭޝަނަލް ސްޓޭޖަށް އަންނާނެ ކަމަށް ބެލެވޭ. އެއީ ހއ. ބެރިންމަދޫ، ށ. ހުރަސްފަރު. މާއިންފަރު އަދި ކަނބާއަލިފުޅު" މައުސޫމު ވިދާޅުވި އެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ރަޖިސްޓާޑް ޓޫރިސްޓް ހޮޓާ ޑިވޮލޮޕްމަންޓް ކުރިއަށް ގެންދާ ރަށްތަކުގެ ތެރެއިން ހއ. ކެލާ، ހއ. އުތީމު، ހއ. ވަށަފަރުގައި ގެންދާ ހޮޓާ ރިސޯޓް ނިމި 404 އެނދު ތައާރަފްކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި 3700 އެނދުވަރު ހުންނާނެ. އެއީ އަޅުގަނޑު ކުރިން އިޝާރާތްކުރި 8000 އެނދާ އަޅާ ބަލާއިރު އޭގެ 50 ޕަސެންޓް ވަރު. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުލް ކެޕޭސިޓީގައި ޖުމްލަ އެރައިވަލް އަދި ޑިޕާޗާ ޕަސެންޖަރުންގެ ގޮތުގައި ޑެއިލީ 1780 ޕަސިންޖަރުން އުޅޭނެ ކަމަށް ބެލެވޭ " މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ތި ބުނަނީ ގޯތި އުތުރު އެނދު ހުންނަ ވާހަކަދޯ! ކޮބައި މިހާރު އައްޑޫ މީހުންގެ ޖީބުތައް ޕައުންޑުން ފުރި ބަންޑުންވީތަ

  2. ތަކުރު

    އަހަރެމެންގޭގެ އެނދުތައް ލައިގެން މިހާރުވެސްތިޔަ އަދަގު ހަމަވޭ،

  3. ޑައެލޯގް

    ކުރިއަށްއޮތް 20 އަހަރުތެރޭގައި މާލޭގައި ވެހިކަލްދުއްވާނީ ފިޔަގަނޑުލާފައެވެ. ކަލޯ ދެންއޮތީ 1 އަހަރެވެ. ދެން ކޮން 3 އަހަރުގެ ވާހަކަދައްކާކަށެއްހެއްޔެވެ.