ބީ.ޕީ.ޓީ އާއި އިންކަމް ޓެކްސް ނުދައްކާ މީހުންގެ ނަންތައް އަނެއްކާ ވެސް މީރާއިން އާންމު ކޮށްފިއެވެ.

މީރާއިން ވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ މީހުންނާއި ފައިސާ ނުދައްކާ މީހުންގެ ލިސްޓެއް ވެސް އާންމު ކޮށްފައެވެ. އެލިސްޓުގައި 396 މީހުންގެ ނަން ފާހަގަ ކޮށްފައިވާއިރު، މިއަދު މީރާއިން އާންމު ކުރި ލިސްޓުގައި 393 މީހެއްގެ ނަން ވަނީ ފާހަގަ ކޮށްފައެވެ.

މީރާއިން ބުނީ، މިއަދު އާންމުކޮށްފައިވާ ނަންތަކަކީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 2019 ވަނަ އަހަރުގެ ޑިސެމްބަރުގެ 31 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ބީ.ޕީ.ޓީ ގެ ފައިސާ ނުދައްކައިވާ ފަރާތްތަކާއި 2020 އަދި 2021 ވަނަ އަހަރުގެ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތައް ކަމަށެވެ.

އެފަދަ މައުލޫމާތޫ އާންމު ކުރި ނަމަވެސް، ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރެއިން ބަޔާން ހުށަހަޅައި ފައިސާ ދައްކާ ފަރާތްތައް މި ލިސްޓުން އުނިކުރެވޭނެ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ މި މުއްދަތުގައި ޓެކްސް ދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އެއްފަހަރާ ދައްކާ ޚަލާސްކުރުމަށް އުޒުރުވެރިވާނަމަ، އިންސްޓޯލްމަންޓް ޕްލޭން ގެ ދަށުން މި އަދަދު ބައި ބަޔަށް ބަހައިލައިގެން ދެއްކޭގޮތަށް ހަމަޖެއްސޭނެ ކަމަށެވެ.

މީރާއިން ނެރުނު އިއުލާނުގައި ބުނީ، ދައުލަތަށް ދައްކަން ޖެހި ނުދައްކާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށެވެ.

މީގެއިތުރުން މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކުމަށް ނުވަތަ މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.