ނިމިދިޔަ ޖޫން މަހުގައި މީރާއަށް 1.61 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %31.7 ދަށް އަދަދެކެވެ. އަދި، ޖޫން 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %42.9 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖޫން 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2023 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ.

މީގެ ސަބަބަކީ، 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑިރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީޚު ޖުލައި 2023 އަށް ފަސްވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ސުންގަޑި ވެސް ވަނީ ރަސްމީ ބަންދު ދުވަހަކަށް ދިމާވުގެ ސަބަބުން ޖުލައި 2023 އަށް ފަސްކޮށްފައިކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖޫން 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ބޭންކް އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ޓެކްސްތައް ދެއްކުމުގެ ސުންގަޑި ޖުލައި މަހަށް ފަސްކޮށްފައި ވި ނަމަވެސް، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑީގެ ކުރިން ފައިސާދައްކައިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.

ޖޫން 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީއާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 37.47 އިންސައްތަ ނުވަތަ 604.21 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 29.4 އިންސައްތަ ނުވަތަ 474.35 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 231.13މިލިއަން ރުފިޔާ (14.33 އިންސައްތަ)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 68.67 މިލިއަންރުފިޔާ (4.3 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 64.74 މިލިއަން ރުފިޔާ (4.0 އިންސައްތަ)އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 169.34 މިލިއަން ރުފިޔާ (10.5 އިންސައްތަ) ލިބިފައިވެއެވެ.

މިއަހަރުގެ ޖޫން ގައި މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 48.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.