މި އަހަރުގެ ޖުލައި މަހު މީރާއަށް 3.53 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %32.5 އިތުރު އަދަދެކެވެ. އަދި މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %10.6 ގިނަ އަދަދެކެވެ.

މީރާއިން ވިދާޅުވިގޮތުގައި، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅައި ކިޔާއިރު، މި އަހަރުގެ އެ މުއްދަތުގައުި ލިބުނު އާމްދަނީ އިތުރުވެގެން ދިޔައީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެގެން ދިއުމެވެ.

އަދި މިގޮތަށް ދިމާވީ މިދިޔަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި މި އަހަރު އަހަރުގެ 3 ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީހު ޖުލައި މަހަށް ފަސްވެފައިވާތީކަމަށް މީރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން މަހާއި އަޅައި ކިޔާއިރު މި އަހަރުގެ ޖޫންގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.5% އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި މި އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުހަޅައި ފައިސާދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހަށް ފަސްކޮށްފައިވުމާއެކު، އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި އަހަރުގެ ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީއާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 52.28% ނުވަތަ 1.85 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސްޓީންނެވެ. އެއީ 34.41% ނުވަތަ 1.22ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 155.68 މިލިއަންރުފިޔާ (4.41%)، ގްރީން ޓެކްސްގެ ގޮތުގައި 91.02 މިލިއަން ރުފިޔާ (2.58%)،އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 61.92 މިލިއަން ރުފިޔާ (1.75%) އަދި އެހެނިހެންޓެކުހާއި ފީގެ ގޮތުގައި 161.41 މިލިއަން ރުފިޔާ (%4.57) ލިބިފައިވެއެވެ.

މި އަހަރު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.