މިދިޔަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި 9 ޖުލައި 2023 އަށް ފަސްކޮށްފައިވާކަމަށް މީރާއިން އިޢުލާނުކޮށްފިއެވެ.

މީރާ އިން ބުނީ ސުންގަޑި ފަސްކޮށްދީފައިވަނީ މި ހިނގާ ޖޫން މަހުގެ ފަހު ހަފްތާ އީދު ޗުއްޓީއާ ދިމާވާތީ، 2022 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކޮށް ސުންގަޑިއަށް ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް ކަމަށް ކަމަށެވެ.

ހަފްތާ ބަންދާއި، ހައްޖާއި ޢީދު ބަންދާއެކު، މިމަހު 23 އިން ފެށިގެން 1 ޖުލައިގެ ނިޔަލަށް ސަރުކާރު ބަންދެވެ.

އާމްދަނީން ނަގާ ޓެކްސްގެ ސުންގަޑިއަށް ބަދަލުގެނެސްފައި ވި ނަމަވެސް، 2 ޖުލައިގައި އަންނަ އެހެން އެއްވެސް ސުންގަޑިއަކަށް ބަދަލުގެނެސްފައި ނުވާނެއެވެ. އެހެންކަމުން، ކުރިއެކޭ ވެސް އެއްގޮތަށް ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި، އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ އިތުރުން މި އަހަރުގެ 3 ވަނަ ކުއާރޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑިއަށް ބަދަލެއް ނާންނާނެ ކަމަށް ބުނެފައި ވެއެވެ.

މީރާއިން ބަލައިގަންނަ ޓެކްސްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް މީރާގެ އޮންލައިން ޕޯޓަލް 'މީރާކަނެކްޓް' މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކޭނެއެވެ.