ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޝަން (ކާޓާ) ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފުރަތަމަ ފަހަރަށް، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ކޮންފަރެންސަކީ ކޮމަންވެލްތްއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ، އަދި ކޮންމެ އަހަރަކު ވެސް ތަފާތު މެމްބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ.

މިއަހަރު ރާއްޖޭގެ ފަރާތުން މި ހަރަކާތް ރާވައި އިންތިޒާމު ކޮށްފައިވަނީ މީރާއިންނެވެ. މި ކޮންފެރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ވިލާ ޕެރެޑައިސް އައިލެންޑުގައެވެ.

މީރާއިން ބުނީ، މި ކޮންފަރެންސްގައި 29 ގައުމުން އަދި 9 ބައިނަލްއަގުވާމީ އިދާރާތަކުން ޓެކުހާ ބެހޭ މާހިރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރުގެ ކާޓާ ޓެކްނިކަލް ކޮންފަރެސްގެ ތީމަކީ "ރޯލް އޮފް ޑޭޓާ އިން ޓެކްސް ކޮމްޕްލަޔަންސް މެނޭޖްމަންޓް އެންޑް ޓެކްސޭޝަން އޮފް ހޮސްޕިޓަލިޓީ އިންޑަސްޓްރީ" (ޓެކްސް ކޮމްޕަލައިންސް މެނޭޖް ކުރުމުގައި އަދި ހޮސްޕިޓަލިޓި އިންޑަސްޓީން ޓެކްސް ނެގުމުގައި ޑޭޓާގެ ދައުރު) އެވެ.

މި ތީމް ކަނޑައެޅުމުގެ މަގުސަދަކީ މީރާއިން ބުނި ގޮތުގައި ވަރުގަދަ ކޮމްޕްލައިންސް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ބިނާ ކުރުމަށް އަދި ހޮސްޕިޓަލިޓި އިންޑަސްޓްރީން ޓެކްސް ނެގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މެމްބަރު ގައުމުތަކުގެ ބައިވެރިންގެ މެދުގައި ޝައުގުވެރި މަޝްވަރާތައް އުފެއްދުމާއި، އެކި ގައުމުތަކުގެ ތަޖުރިބާ ހިއްސާ ކުރުން ކަމަށެވެ.