މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތުގައި މާފަންނު މަދަރުސާ އާއި ގަލޮޅު މަދަރުސާގެ އިތުރުން އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންނަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ގިފްޓް ހެމްޕާއެއް ހަދިޔާކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތަކީ މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ސިޓީ ކައުންސިލުން ދުރާލާ ތައްޔާރުވެގެން ކުރިއަށް ގެންދިއުމަށް ނިންމި ހަފްލާ ބޭއްވުމަށް ސަރުކާރުން ހުއްދަ ނުދިނުމުން އެ ހަފްލާ ކެންސަލް ކުރެވިފައިވާތީ މި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންނަށް ހަދިޔާ ހަވާލުކޮށް ދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ހަރަކާތް. --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި އަވަށު ސްކޫލްތައް ހިންގަން ހަވާލުވި ހިސާބުން ކައުންސިލުން މަސައްކަތް ކުރަނީ ސްކޫލްތަކާއި ގުޅިގެން ވީހާވެސް ރަނގަޅަށް ކައުންސިލްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި ޓީޗަރުންނާއި ސްކޫލްތަކުގެ މެނޭޖްމެންޓް އާއި މުވައްޒަފުން ކޮށްދެއްވާ ބުރަ މަސައްކަތް ކައުންސިލުން ފާހަގަކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަގީގަތުގައި ބޭނުންވީ ޓީޗަރުންގެ ދުވަހާ ގުޅިގެން ހަފްލާއެއް ބާއްވަން. މާފަންނު މަދަރުސާ ގަލޮޅު މަދަރުސާ އަދި އަހުމަދިއްޔާ ހިމެނޭނެހެން. އެކަމަށް ވަރަށް ތައްޔާރީތައްވެސް ވީން. ނަމަވެސް ކެންސަލްކޮށްލަން ޖެހުނީ ސަރުކާރުން އެކަމަށް ހުއްދަ ނުދެއްވުމުން. ސަރުކާރުން އެއްބާރުލުން ނުދެއްވި ސަބަބު އަޅުގަނޑަކަށް އަންޑަސްޓޭންޑް އެއްނުވޭ." މޭޔަރު ވިދާޅުވިއެވެ.

އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ހަރަކާތް. --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

އެގޮތަށް އެކަންވީ ނަމަވެސް ކައުންސިލުން ބޭނުންވަނީ ޓީޗަރުންނަށް ރަމްޒީ ގޮތެއްގައި ނަމަވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއްދީ ތުއްތު ކުދިންތަކެއް ބިނާކުރުމަށްޓަކައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް ބަލައިގަނެ ހިތްވަރު ދިނުމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގަ މިއަށްވުރެ ރަނގަޅަށް ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މިކަމަށް ސަރުކާރުން ވެސް އެއްބާރުލުން ލިބިގެންދާނެ ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުގެ ޓީޗަރުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.