ރާއްޖޭގައި އުފެދުނު އެންމެ ގޯލާއި ރައްޓެހި، މޮޅު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މާދަމާ އައްޑޫއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

ދަގަނޑޭ މާދަމާ އައްޑޫއަށް ފުރުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ކައުންސިލުން ރާވައިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެށި އައްޑޫ ފުޓްބޯޅް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވާ މައިލޯ ސިޓީ އެފްސީ ނުވަތަ މެދުވަލު އެފްސީއަށް ކުޅުމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ދަގަނޑޭ އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގައެވެ.

ދަގަނޑޭ އާއި ނުލައި އެޓީމުން މުބާރާތުގެ ފުރުތަމަ މެޗު އިއްޔެ އަފިރިން އެފްސީއާއި ދެކޮޅަށް ކުޅެފައިވާއިރު، އެޓީމުން ވަނީ 10-0 ގެ ނަތީޖާއަކުން ފެށުން ރަނގަޅު ކޮށްފައެވެ.

ދަގަނޑޭ އާއިއެކީ މައިލޯ ސިޓީ، ކައުންސިލް ކަޕްގެ ތަށި އުފުލުމުގެ އުއްމީދުގައި!

ދަގަނޑޭ އާއި ގުޅޭ ގޮތުން އެ ޓީމުގެ ކޯޗު އަހުމަދު އަޒްމީ ވިދާޅުވީ، ދަގަނޑޭ ކަހަލަ ގޯލާއި ރައްޓެހި، ތަޖުރިބާކާރު ކުޅުންތެރިއަކު ޓީމުގައި ހިމެނުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި ދަގަނޑޭއާއި އެކީ ޓީމަށް މުބާރާތުގެ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މުބާރާތުގައި ދެން މައިލޯ ސިޓީން މަރަދޫ އެފްސީއާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އަދި ފާހި އެސްސީއާއި ދެކޮޅަށް ކުޅޭ މެޗު މިމަހުގެ 10 ވަނަ ދުވަހު އޮންނައިރު، މި ދެ މެޗުގައި ވެސް ދަގަނޑޭ ފެނިގެން ދާނެއެވެ.