ނެސޯ ވަގުތު ފުޓްސަލް ޗެލެންޖް 2023ގެ ގުރޫޕް ބީގެ ދިހަވަނަ މެޗު އޯއެސްއާރު ބަލިކޮށް މައިލޯ ސިޓީ އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

އައްޑޫސިޓީ ހިތަދޫގެ މަނިކު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނިކުތްއިރު ގުރޫޕް ބީގެ ތާވަލުގެ ދެވަނައިގައި ފައިދާ ގޯލުގެ ތަފާތުން 6 ޕޮއިންޓާއެކު އޯއެސްއާރު އޮތްއިރު، ހަ ޕޮއިންޓާއެކު މައިލޯ ސިޓީ އެފްސީ އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. މިރޭގެ މެޗުން މައިލޯ ޓީމަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. މި ގުރޫޕްގެ އެއްވަނައިގައި މިވަގުތަށް އޮތީ ކުޅުނު ތިން މެޗުން މޮޅުވި އެފްސީ ބޭރުމަތިއެވެ.

މި މެޗު ފަށައިގެން މައިލޯ ސިޓީ ޓީމުން އައީ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ބަދަލުގައި އިދިކޮޅު ގޯލަށް ނުރައްކާ ކުރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. މައިލޯ ސިޓީ ޓީމުގެ ފުރަތަމަ ހަމަލާ އިސްމާއިލް ވަޖީހު (ވައްޖެ) ފޮނުވާލި ނަމަވެސް އޮޑެއްސައުގެ ކީޕަރު ޒައިދާން އަހުމަދު ވަނީ ދިފާއުކޮށްފައެވެ. އޯއެސްއާރަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ދާނިޝް އިބްރާހިމް ބާރު ސްޕީޑުގައި ފޮނުވާލި ބޯޅަ މައިލޯ ޓީމުގެ ކީޕަރު އިބްރާހިމް ނާޖިހު ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ވަގުތުތަކުގައި ޓައިމް އައުޓް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: އޮޑައްސައު އެސްއާރް އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

އަހުމަދު ވިސާލު (އަންދު)ގެ ކޯޗުކަމުގައި މައިލޯ ސިޓީ ޓީމުން ކުޅުނުއިރު، ފުރަތަމަ ހާފުގައި މައިލޯ ޓީމުން ކުޅުނީ އެޓޭކިން ގޭމެކެވެ. މި ހާފުގައި އޯއެސްއާރުގެ ކީޕަރު ޒައިދާން(އަސޫ)ގެ ފަރާތުން ގިނަ ސޭވްތަކެއް ފެނުނުއިރު، އަލީ ހާފިޒް ދިން ބޯޅައަކުން އަބްދުﷲ ޝައްފާން(ޝާކާ) ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ވެސް ވަނީ ހުޝިޔާރު ކަމާއެކު އަސޫ ދިފާއުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: އޮޑައްސައު އެސްއާރް އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއްނުވެ، ހަސަން ލައުހު ވަނީ އޮޑެއްސައުގެ ފުރަތަމަ ގޯލު ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ކީޕަރު ނާޖިހު ވެއްޓިފައި ވަނިކޮށް ހަސަން ލައުހު ފަސޭހަކަމާއެކު ކާމިޔާބުކޮށްދިން ގޯލެކެވެ. މި ގޯލަށްފަހު މައިލޯ ޓީމުން ކުޅުން ރަނގަޅުކޮށް، ހުސައިން ޝަރީފް (އޮންލީ) ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ދެ މިނެޓުފަހުން މައިލޯ ޓީމުުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އަލީ ހާފިޒް(އައްޔަ) ދިން ބޯޅައަކުން އޭރިއާ ތެރޭގައި ހުރީ ޝާކާ ކާމިޔާބުކޮށްދިން ގޯލެކެވެ. މައިލޯ ޓީމު ކުރިއަށް ޖައްސައިގެން ކުޅެ، ހާޒިމް ފައުޒީ ފުލުފުލުގައި އޯއެސްއާރުގެ ގޯލަށް ނުރައްކާ ކުރިނަމަވެސް، އަސޫ ވަނީ ދިފާއުކޮށްފައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: އޮޑައްސައު އެސްއާރް އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މައިލޯ ސިޓީ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒްއެވެ. މި ގޯލަށްފަހުވެސް އޯއެސްއާރުން ހަމަލާ އުފެއްދި ނަމަވެސް މައިލޯ ޓީމުން ވަނީ އިދިކޮޅު ކުޅުންތެރިން ރަނގަޅަށް މާކުކޮށް ޑިފެންސް ކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މައިލޯ ސިޓީ އެފްސީގެ އަލީ ހާފިޒް އެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާ އަދި އާރު އޯ ޔޫ ޔުނައިޓެޑެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: އޮޑައްސައު އެސްއާރް އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، މި މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް" އެވެ. މެއިން ސްޕޮންސަރ އަކަށް ލިބޭ، އިކުއިކްސް، ވީބީ ބްރަދާސް ހަމަޖެހިފައިވާއިރު، ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް، އަވަސް ރައިޑް، ބެސްޓް ބައި ވަނީ ހަމަޖެހިފައެވެ. އަދި ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އަދި އޮފިޝަލް ކިޓް ޕާޓްނަރ އަކަށް ޖާޒީއާ ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކުއީއެވެ.