ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ފުޓުބޯޅައަށް ލޯބިކުރާ އަދި ހުނަރުވެރި މޮޅު ކުޅުންތެރިން ގިނަ ގައުމެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ފެންވަރުގެ މުބާރާތްތައް ބާއްވަމުން އަންނަ އިރު، މި މަހު ފަށާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕަކީ ފާހަގަކޮށްލެވޭ މުބާރާތެކެވެ. "އައްޑޫ ފުޓުބޯޅަ" އޭ ބުނެފިނަމަ ކޮންމެ މީހެއްގެ ހިތަށް ވެސް އަންނާނީ "މައިލޯ ސިޓީ އެފްސީ"ގެ ނަމަވެ. އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ.

ރާއްޖޭގެ ނަން ވިދާ ކުޅުންތެރިން އަންނަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އައްޑޫގައި ބާއްވާ ކޮންމެ މުބާރާތެއްގައި ވެސް މައިލޯ ސިޓީ ޓީމުން އަންނަނީ ވާދަކުރަމުންނެވެ. މިހާތަނަށް އައި އިރު އެކި މުބާރާތުގައި ޓީމުން ދައްކާފައިވާ ކުޅުމަށް އެތައް ބައެއްގެ ތައުރީފު ވެސް ވަނީ ލިބިގެން ގޮސްފައެވެ. މިފަދަ ކޮންމެ މުބާރާތެއްގައި ވެސް އެ ޓީމަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗުންގެ އިރުޝާދު އަންނަނީ ބޭނުންކުރަމުންނެވެ.

"ވަގުތު ފުޓްސެލް ޗެލެންޖު" ފަދަ ބޮޑެތި މުބާރާތްތަކުގައި އެންމެ ނަން ހިނގާ އެއް ޓީމަކީ ވެސް މައިލޯ ސިޓީ ޓީމެވެ. އެޓީމު ވަނީ ފައިނަލަށް ދަތުރުކޮށް އެމުބާރާތުގެ ރަނަރަޕް ކަން ހޯދާފައެވެ. ގިނަ މުބާރާތްތަކުން ދެވަނަ ލިބުނު ނަމަވެސް މިފަހަރު އެޓީމުން ވަނީ މުޅި ރާއްޖެއިން އެންމެ ކާމިޔާބު ކުޅުންތެރިން ޓީމަށް ގެނެސް ސީދާ ތައްޓަށް އަމާޒު ހިފާފައެވެ.

އެފްސީ އަފިރިންނާއި ދެކޮޅަށް މައިލޯއިން ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އިޢުޖާޒް އަލީ

ހިތަދޫގެ ޓީމެއް ކަމަށްވާ މައިލޯ ސިޓީ އެފްސީން އަންނަނީ ކައުންސިލް މުބާރާތަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ގިނަ ބަޔަކަށް "މައިލޯ ސިޓީ އެފްސީ"ގެ ނަމުގައި މަޝްހޫރުވެފައިވީ ނަމަވެސް މުބާރާތްތަކުގައި އެޓީމުން ވާދަކުރާނީ "މެދުވަލު އެފްސީ"ގެ ނަމުގައެވެ. މުބާރާތުގެ ތާރީހުގައި ރަންވަނައަކާއި ހަމައަށް ނުދެވުނު ނަމަވެސް މި މުބާރާތާއި އެޓީމު ކުރިމަތިލީ ވަރުގަދަ ސްކޮޑަކާއި އެކު މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައެވެ. އެގޮތުން އެ ޓީމަށް ރާއްޖޭގެ އެންމެ ނަން މަޝްހޫރު އަދި އެންމެ އިތުބާރު ފޯވާޑް އަލީ އަޝްފާގު ދަގަނޑޭ އެޓީމަށް ކުޅުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ފަހުރެއްގެ އިތުރުން ވަރަށް ބޮޑު ކުރިއެރުމެކެވެ.

މައިލޯ ސިޓީގެ ކޯޗު އައްޑޫ ފުޓުބޯޅައަށް ގިން ޚިދުމަތްތަކެއް ކުރި

ރާއްޖޭގައި ތިބި މަދު "އޭ" ލައިސެންސްޑް ކޯޗުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އަޒްމީ އަކީ އައްޑޫގައި ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ތަމްރީނު ކުރަމުންދާ ފުޓްބޯޅަ އަދި ފުޓްސަލްގެ ވެސް ތަޖުރިބާ ހުރި ކުޅަދާނަ ކޯޗެކެވެ. މުބާރާތުގައި އިދިކޮޅު ޓީމުތަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ފުޓުބޯޅައިގެ ތެރެއަށް ވެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ފަރާތަކީވެސް އަޒްމީއެވެ.

އޭނާގެ ކޯޗިންގް ކެރިއަރަށް ބަލާލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކާމިޔާބީ އަކީ 2018 ވަނަ އަހަރު ބޫޓާން ގައި ބޭއްވުނު 19 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމުގެ ހެޑް ކޯޗް ކަމުގެ މަގާމު އަދާ ކުރުމެވެ.

މައިލޯ ސިޓީ އެފްސީގެ ކޯޗް އަހްމަދު އަޒްމީ -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަޒްމީ މައިލޯ ސިޓީ ޓީމާ ގުޅޭ ގޮތުން ދިން އިންޓަވިއުގައި ބުނެފައިވަނީ އެޓީމަކީ އެންމެ ރަނގަޅަށް މުބާރާތްތަކަށް ތައްޔާރު ވެގެން ނިކުންނަ ޓީމެއް ކަމަށާއި އެގޮތުން މިފަހަރުގެ މުބާރާތަށް ވެސް ޓީމު ނިކުންނާނީ ވަރަށް ދުރާލާ ތައްޔާރު ވެގެން ކަމަށެވެ. އެގޮތުން ޓީމަށް ފިޒިކަލް ޓްރޭއިނަރެއްގެ އެހީތެރިކަން ބޭނުންކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މައިލޯ ސިޓީ ޓިމަށް ވަނީ ކުރީގެ އެތުލެޓިކްސްގެ މަޝްހޫރު ކޯޗު ކަމަށްވާ ސުލްތާން ފިޒިކަލް ޓްރެއިނާއެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

އަޒްމީ ބުނީ މިފަހަރުގެ މުބާރާތުގެ އަމާޒަކީ ސީދާ ތަށި ހޯދުން ކަމަށެވެ.

އަޒްމީ އަކީ ރާއްޖޭގައި ތިބި މަދު އޭއެފްސީ "އޭ" ލައިސެންސް ކޯޗުންގެ ތެރެއިން ކޯޗެއް

"މުބާރާތުގެ ތައްޓަށް އަޅުގަނޑުމެން އަމާޒު ހިފާފަ މިތިބީ. އެހެންވެގެން މިހާ ދުވަހު ޕްރެކްޓިސް ކުރިއަށް މިގެންދިޔައީ. މުބާރާތެއްގެ ގޮތުގައި އަޅުގަނޑަށް ވެސް އެންމެ ބޮޑަށް ތައްޔާރުވެވުނު މުބާރާތް މިއީ. ޕްރެކްޓިސް ކުރަން ދުވަސް ލިބިފަ ޓީމުވެސް ރަނގަޅަށް ތައްޔާރަށް މިއޮތީ" އަޒްމީ ބުންޏެވެ.

މައިލޯ ސިޓީން މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރަމުން އަންނަ ތާ ދެ މަސް ދުވަސްވެފައިވާއިރު، މިހާރު ވެސް ޓީމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް އަޒްމީ ފާހަގަކުރިއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރު މަދުވެގެން ފަރިތަކުރުން ގެންދާ ކަމަށް އޭނާ ބުންޏެވެ.

އަޒްމީ ވަނީ "ޑީ" ލައިސެންސް ކޯޗިންގް އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށް ކޯޗުން ތަމްރީނުކުރުމުގެ ރަސްމީ ހައިސިއްޔަތުވެސް ލިބިފައެވެ. ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގައި މަސައްކަތްކުރަމުންދާ އަޒްމީއަކީ އައްޑޫގެ ގިނަ ފަރާތްތަކެއް ފުޓްބޯޅައިގެ ތެރެއަށް ވައްދާ އެފަރާތްތަކަށް ބޭނުންވާ އެންމެ ފުރިހަމަ ތަމްރީނު ފޯރުކޮށްދެމުންދާ ފުޓުބޯޅައިގެ ހިދުމަތްތެރިއެކެވެ.

މައިލޯ ސިޓީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުން

ކުޅުންތެރިން
  • މުހައްމަދު އަހުމަދު
  • ޔޫސުފް
  • ޒައިދުއްﷲ އަހުމަދު
  • ހަސަން ހަމީދު
  • ހަސަން ޖައިޝަމް
  • ހާޒިމް ފައުޒީ
  • އަޔާޒް އަހުމަދު
  • އިބްރާހިމް ނަޖާހު
  • ހަސަން ނަޒީމް
  • މުހައްމަދު ހާޒިމް ރިއްފަތު
  • މިރާހު މުހައްމަދު
  • ޝަމްވީލް ގާސިމް
  • އަހުމަދު ހަބީބު
  • މުހައްމަދު ރަފާހު
  • މުހައްމަދު ސަބާހު
  • އަހުމަދު ނަސީރު
  • ހަސަން ޝަމާން
  • އަހުމަދު އިބްރާހިމް
  • ހުސެއިން މާދް އަލީ
  • އަލީ ނާފިއު
  • ހަސަން ހުމެއިދް ރަޝީދު
  • އަލީ އަރްޝަދް ހަސަން
  • އަލީ އަޝްފާގު
  • އިބްރާހިމް ސިރާޖު
  • އަބްދުﷲ އައްމާރު އަލީ
  • އަލީ ނަދީމް
ގޯލް ކީޕަރުން
  • އިބްރާހިމް ނާޖިހު
  • އަލީ އަޖްފާން އަމްޖަދު
  • އަލީ މިޝާލް އަލީ ރަޝީދު
  • އަލީ ސިދާމް ސާލިހު
އޮފިޝަލުން
  • ހަސަން ޝަފީގް (މެނޭޖަރު)
  • އަހުމަދު އަޒްމީ (ކޯޗް)
  • މުހައްމަދު ދިމްނާހު (އެސިސްޓެންޓް ކޯޗް)
  • ހަސަން ސަލީމް (ސީނިއާ އޮފިޝަލް)
  • އަހުމަދު އަރީފް (މެޑިކް)
  • މުހައްމަދު ޖައިލަމް (އޮފިޝަލް)
  • އަލީ މާޒިން ހަސަން (އޮފިޝަލް)
  • ހަވަރީ ޒިޔާދު މުހައްމަދު (އޮފިޝަލް)

އަޝްފާގު ޓީމަށް ގެނައީ ކީއްވެ؟

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) މައިލޯ ސިޓީގައި ހިމެނޭ އިރު، އަޒްމީ ބުނިގޮތުގައި މިވަގުތަށް ޓީމަށް އެންމެ މުހިއްމީ ދަގަނޑޭ ފަދަ ތަޖުރިބާ ކާރު ކުޅުންތެރިން ކަމަށެވެ. ދަގަނޑޭއަށް ތައުރީފް ކުރަމުން އަޒްމީ ބުނީ އޭނާއަކީ ރާއްޖޭގައި ހުރި އެންމެ ގޯލާ ރައްޓެހި ކުޅުންތެރިޔާ ކަމަށާއި ދަގަނޑޭގެ މެންޓަލިޓީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ދަގަނޑޭ" އޭ ބުނެފިނަމަ ހަމަ ޔަގީނުންވެސް ދިވެހި ކޮންމެ ސަޕޯޓަރެއްގެ ވެސް ލެޔާ ކުޅެލާނެއެވެ. އޭނާ ދިވެހި ގައުމީ ޓީމަށް ދެއްކި މޮޅު ކުޅުމަކީ ދުވަހަކުވެސް ދިވެއްސެއްގެ ހަނދާނުން ފޮހެވޭނެ ކަމެއް ވެސް ނޫނެވެ. ތަފާތު މޮޅު ހުނަރެއް ލިބިގެންވާ ދަގަނޑޭއަކީ އެންމެ ގޯލާ ރައްޓެހި ކުޅުންތެރިޔާއެވެ. އަދި މިހާރު އޭނާ އަކީ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. ގައުމީ ޓީމުގެ ފޯވާޑެއްގެ ގޮތުގައި ދިވެހި ގައުމަށް ރީތި ނަމާއި ޝަރަފު ވަނީ އޭނާ ހޯދާދީފައެވެ. އެކި މުބާރާތްތަކުން ރާއްޖެއަށް ރަން ވަނަތައް ކާމިޔާބުކޮށްދީފައެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ފުރަތަމަ ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސްރޯލެއް އަދާކުރީ ދަގަނޑޭއެވެ. މައިލޯ ސިޓީ ޓީމަށް ދަގަނޑޭ މިފަހަރު ކުޅޭއިރު، މިއީ އައްޑޫއަށް ނިސްބަތްވާ ޓީމަކަށް އޭނާ ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އޭނާއަށް ތާރީޚީ މުބާރާތަކަށެވެ.

ރާއްޖޭގެ އަޝްފާގު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ--- ވަގުތު އިމޭޖަސް: އަބްދުﷲް އަބީދު

މައިލޯ ސިޓީ ޓީމުގެ މެނޭޖަރު ހަސަން ފާހަގަކުރިގޮތުގައި މައިލޯ ސިޓީ ޓީމަކީ މީގެ އެތައް އަހަރެއް ކުރިން ވެސް އައްޑޫގައި ބޭއްވޭ ކޮންމެ މުބާރާތެއްގައި ވެސް ބައިވެރިވަމުން އަންނަ ޓީމެއް ކަމަށެވެ. އަދި މީގެ ކުރިން މުބާރާތްތަކުގައި ޗެމްޕިއަންކަން ހޯދިފައި ނުވި ނަމަވެސް މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރު ވަމުން އަންނަ ކަމަށާއި ތަށި ހޯދުމަށް ކުރެވެން އޮތް ހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެފްސީ އަފިރިންނާއި ދެކޮޅަށް މައިލޯއިން ކުޅުނު މެޗް-- ފޮޓޯ: އިޢުޖާޒް އަލީ

"މައިލޯ ސިޓީއަކީ އައްޑޫ އިން ބާއްވާ ކޮންމެ މުބާރާތެއްގައި ވެސް ބައިވަރިވަމުން އަންނަ ޓީމެއް. ނަމަވެސް އަދި ތަށި ކާމިޔާބު ކުރެވޭ ގޮތެއް ނުވޭ. މިފަހަރު އަޅުގަނޑުމެންގެ ސްކޮޑު އިތުރަށް ވަރުގަދަ ކޮށް ތަށި ކާމިޔާބު ކުރުމުގައި ވަރަށް ބޮޑު އުންމީދު އެބައޮތް،" ހަސަން ބުންޏެވެ.

ހަސަން ބުނީ މީގެ ކުރިން އަހަރުތަކުގައި ބޮޑަށް ޒުވާން ކުޅުންތެރިން ޓީމުގައި ހިމަނާފައިވީ ނަމަވެސް، ފުޓުބޯޅައަކީ މެންޓަލިޓީ ބޭނުންކޮށްގެން ކުޅޭ ކުޅިވަރަކަށްވުމާއެކު މިފަހަރު ޓީމުގައި ހިމަނާފައިވާނީ ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށެވެ.

"އެހެން މުބާރާތްތަކުގައި އަބަދުވެސް މައިލޯ ސިޓީ ޓީމުން ސްކޮޑުގައި ހިމަނާފައިވަނީ ވަރަށް ޒުވާން ކުދިން. މިސާލަކަށް ބުނާ ނަމަ، ގިނަ ވާނީ އުމުރުން 23 އަހަރުން ދަށުގެ ކުޅުންތެރިން. ތަޖުރިބާ ހުރި ކުޅުންތެރިން އަސްލު މި ޓީމެއްގައި ނުތިބޭ. އެކަމު މިފަހަރު ރާއްޖޭގެ ގައުމީ ލެވެލްގައި ކުޅެފައިވާ ކުޅުންތެރިން އެބަތިބި. ތަޖުރިބާއަކީ ފުޓުބޯޅައިގައި ވަރަށް މުހިއްމު އެއްޗެއް. އެގޮތުން އަލީ އަޝްފާގު އަދި ބޮންޑާ ފާހަގަކުރަން،" މެނޭޖަރު ބުންޏެވެ.

ހަސަން ފާހަގަ ކުރި ގޮތުގައި އަޝްފާގު އެޓީމަށް ކުޅުމަކީ ޓީމަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ. ސަބަބަކީ އޭނާއަކީ އައްޑޫއަށް ނިސްބަތްވާ ކުޅުންތެރިޔަކަށްވާއިރު، މީގެ ކުރިން ދުވަހަކުވެސް އައްޑޫ ޓީމަކަށް ކުޅެފައި ނުވާތީ ކަމަށް އޭނާ ބުންޏެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި އަލީ އަޝްފާގު -- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ހަސަން ފާހަގަކުރި ގޮތުގައި އެންމެ ގިނަ ސަޕޯޓަރުން ވެސް އޮންނާނީ މައިލޯ ސިޓީގައެވެ. އެގޮތުން ކޮންމެ މުބާރަތެއްގައި ވެސް ހިތަދޫގެ ރައްޔިތުންގެ އިތުރުން ރާއްޖެތެރެ ރަށްރަށަށް ނިސްބަތްވާ ގިނަ މީހުން އެޓީމަށް ހިތްވަރު ދޭ ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ، އެ ޓީމަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންދާ ކަމަށާއި އެފަރާތްތަކަށް ހިތުގެ ފުން މިނުން ޝުކުރު އަދާކުރާ ކަމަށެވެ. ހަސަން ބުނީ، އެ ޓީމުން ކޮންމެ މުބާރާތަކަށް ވެސް ބޮޑެތި ޚަރަދުތައް ކުރަމުން އަންނަ ކަމަށާއި ކޮންމެ މުބާރަތަކަށް ވެސް ދުރާލާ ފަރިތަކުރުންތައް ގެންދާ ކަމަށެވެ.

އައްޑޫ ސިޓީގައި އެންމެ ދުވަސްވީ ކުލަބަކީ ވެސް މައިލޯ ސިޓީއެވެ. އެޓީމުން ވަނީ ގޯދިއްޔަ ފުޓްސެލް ކަޕްގެ އިތުރުން "ވަގުތު" ފުޓްސެލް މުބާރާތުގައި ވެސް ބައިވެރިވެފައެވެ.

ރަނަރއަޕް މައިލޯ ސިޓީ އެފްސީގެ ކުޅުންތެރިންނަށް ޓްރޮފީއާއި މެޑަލް ހަވާލުކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މައިލޯ ސިޓީ ޓީމުގައި ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ އިތުބާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ހިމެނެއެވެ.

"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" އަކީ ކައުންސިލާއި ފުޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ބާއްވާ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ދޭ މި މުބާރާތުގައި ޖުމުލަ ހަތް ޓީމު ވާދަކުރާނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ސްޕޯޓްސް ކުލަބާއި އާއި ކުލަބް ލޮތާރި އާއި ފޭދޫ ބޭރު މައްޗާއި މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ އާއި ފާހި އެފްސީގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިން އެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމްތައް ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު ގްރޫޕް އޭގައި ހިމެނެނީ ފޭދޫ ސްޕޯޓްސް އާއި އެފްސީ ބޭރުމަތީގެ އިތުރުން ލޮތާރިއެވެ. ބީ ގްރޫޕްގެ ޓީމްތަކަކީ މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ އާއި ފާހި އެފްސީގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިންއެވެ.

މި މުބާރާތް ފަށާފައިވަނީ މިދިޔަ މަހުގެ 29 ގެ ހަވީރު 4:00 ގައެވެ. މުބާރާތް ކުރިއަށް ދާނީ މިމަހުގެ 15 އާ ހަމައަށެވެ.

2019 އަހަރުން ފެށިގެން އައްޑޫ ކައުންސިލުން ބާއްވަމުން އަންނަ މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބޭ މުބާރާތެކެވެ. އަދި މި މުބާރާތުގެ ޓީމުތަކުގައި ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑުންގެ އިތުރުން މޮޅު ކުޅުންތެރިންނާއި ތަޖުރިބާކާރު ކޯޗުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމިއްޓޭ

    އިހަށްދުވަހު ހިންނަވަރު ޓީމަކަށްވެސް ގެންގޮސް މުބާރާތެއް ކުޅުވައިފި ދަނގަޑޭލައްވައި. ދިޔައީ ޗޮކުން.

    2
    1