މިމަހުގެ 20 ވަނަ ދުވަހު ފަށާ ވޯލްކަޕް 2022 އާއި ދިމާކޮށް ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ބުކުން ރޭޓު ދަށްވާން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވަނީ ރިސޯޓުތަކުގެ ބުކިން ރޭޓު މިދުވަސްކޮޅަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ރ. އަތޮޅާއި އެހެން ބައެއް އަތޮޅުތަކުގެ ރިސޯޓުތަކުގައި ވެސް މިމަހު ވޯލްޑްކަޕް ބާއްވާ ދުވަސް ވަރަށް ކޮށްފައި ހުރި ބުކިންތައް 5 އިންސައްތަ ވަރު ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ރ. އަތޮޅާއި، ބ. އަތޮޅާއި، ޅ. އަތޮޅުގެ ގިނަ ރިސޯޓުތަކުގެ ބުކިންތައް ވެސް ކެންސަލް ވެފަ. މި ރިސޯޓުތަކަކީ ޔޫރަޕުގެ މާކެޓް އޮންނަ ރިސޯޓުތައް" އޭނާ ބުންޏެވެ.

ބެލެވޭ ގޮތުގައި ރިސޯޓުތަކުގެ ބުކިންތައް ފަތުރުވެރިން ކެންސަލް ކޮށްފައިވަނީ މުބާރާތް ބެލުމަށް ގަތަރަށް ދިއުމަށެވެ. ގަތަރަށް ދިއުމަށް ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ވެސް މީހުން އަންނަނީ ދަތުރުތައް ފަށާފައެވެ. އަދި ބައެއް ގައުމުތަކުން ދަތުރު ކުރާ އެއާލައިންތައް ބާރުބޮޑުވެފައިވާކަން ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އޭނާ ބުނީ، ފަތުރުވެރިންގެ ބުކިން ރޭޓު ދަށްވި ނަމަވެސް، މިއީ ސީޒަން ދުވަސްކޮޅު ކަމުން އޮކިއުޕެންސީ ރަނގަޅުވަރެއްގައި އުޅޭ ކަމަށެވެ.

ވޯލްކަޕާއި ދިމާކޮށް ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ބުކިން ރޭޓު ދަށްވެފައިވާއިރު، ރާއްޖޭގެ ރިސޯޓުތަކުން ވޯލްޑްކަޕް ބަލާލުމުގެ ފުރުސަތު އޮންނާނީ 5،000 ޑޮލަރު ދައްކައިގެންނެވެ. އެހެން ގޮތަކަށް މި މުބާރާތް ބެލެން އޮންނަނީ މީޑިއާނެޓް މެދުވެރިކޮށްގެންނެވެ.