އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓްގެ ބަހުސް ފަށައިފިއެވެ.

މަޖިލިހުގައި ބަޖެޓަށް ބަހުސް ކުރުމަށް މިއަދާއި ބުދަ އަދި ބުރާސްފަތި ދުވަސް ވަނީ ކަނޑައަޅައިފައެވެ.

ތިން ދުވަހުގެ ޖަލްސާ ރޭގަނޑު 10 އާ ހަމައަށް ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު މަޖިލިސް ފައްޓަވަމުން ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑު 10 އަށް ވެސް ބަހުސް ނުނިމޭ ކަމުގައިވާ ނަމަ، މެމްބަރުން ބަޖެޓަށް ބަހުސް ކުރައްވައި ނިމެންދެން މަޖިލިސް ކުރިއަށް ދާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހުގެ މެންދުރު 12 ގެ ކުރިން ބަހުސް ކުރުމަށްޓަކައި މެމްބަރުން ފުރުސަތަށް އެދިވަޑައިގަތުމަށް އީވާ އެދިވަޑައިގެންނެވިއެވެ. އޭގެ ފަހުން ފުރުސަތު ބަންދު ވާނެ ކަން އީވާ ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ އެވެ. އަންނަ އަަހަރު ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ބަލާފައި ވަނީ 23.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތުގައި 6.5 ބިލިއަން ރުފިޔާ އެވެ.

ބަޖެޓުގެ ބޮޑު ބަަޔަކީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭން ކުރާ ހޭދަ އެވެ. އެކަަމަށް 29 ބިލިއަން ރުފިޔާވަރު ހޭދަވާއިރު އެއީ 70 އިންސައްތަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ޙޭދައެއް ކުރަން ނިންމާފައި ވަނީ އިގްތިސާދީ އަދި އަދި ސިނާއީ ކުރި އެރުމަށެވެ. އެއީ 10.5 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ގިނައިން ހޭދަކުރަނީ ދިފާއީ ކަންތަކާއި އަދުލު އިންސާފަށް 5.3 ބިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާއަށް ފަސް ބިލިއަން، ތައުލީމީ ދާއިރާއިން 4.6 ބިލިއަން ރުފިޔާ އަދި އިޖުތިމާއީ ރައްކާތެރިކަމަށް 3.9 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމައިފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ދަރަނީގެ ގޮތުގައި ހިމަނާފައިވާ އަދަދު މިދިޔަ އަހަރަށް ވުރެ ދަށެެވެ. މިދިޔަ އަހަރު ދަރަނީގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ ބަޖެޓުގެ ގޮތުގައި ހިމެނި އިރު މި އަަހަރު ހިމަނާފައި ވަނީ 8.4 ބިލިއަން ރުފިޔާގަ އެވެ.

މިފަހަރު ހުށަހެޅި ބަަޖެޓަކީ ރިކޯޑް ބަޖެޓެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.