މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމަށާއި، ގައުމުތަކުގެ އެއްބާރުލުމާއެކު މެނުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަކީ ނާދިރު ކަމެއްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ކޮޕް27ގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވަމުންނެވެ.

ޝަރްމުއްޝެއިހް އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ދުނިޔޭގެ ލީޑަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާއި ޔޫރަޕަށް ކުރިމަތިވި ހަނަފަސްކަމާއި އެފްރިކާގެ ބައްރުގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ކާބޯތަކެތި ލިބުމުގެ ދަތިކަންފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފާއިތުވި މަސްތަކުގައި ދުނިޔެއަށް ކުރި ބައެއް ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލައްވައިފައެވެ.

ކޮޕް27 ސަމިޓްގައި ނައިބް ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ކަނޑަކީ ދިވެހިންނަށް ކާނާގެ އިތުރުން އާމްދަނީ ލިބޭ ވަސީލަތެއްކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ވެސް އަސަރުކޮށްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މަސްވެރިކަން ކުރުމަަށް ދިވެހިމަސްވެރިން ކުރަންޖެހޭ ދަތުރު އަހަރަކަަށްވުރެ އަހަރެއް ދިގުވަމުންދާ ކަމަށް ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، ބޯފެން ލިބުން ދަތިވުމާ ގުޅިގެން މީރުފެން އުފެއްދުމަށް ޒަމާނީ ޓެކްނޮލޮޖީއަށް ބަރޯސާވާން ޖެހިފައިވުމާއި، އަވަސް އަވަހަށް މޫސުން ބަދަލުވުމާއި ރާޅުއެރުމާއި ފެންބޮޑުވުން، ފަދަ ކަންކަމުގެ ސަބަބުން މީހުންގެ ގެދޮރާ ދިރިއުޅުމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުން ދަނީ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވާ މައިގަނޑު އެއް އަސާސް ކަމުގައިވާ މުރަކައިގެ ފަރުތައް ވަނީ ނާޒުކު ހާލަތެއްގައި." ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނާޒުކުކަމާއި ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނަށް އިންޒާރުކުރައްވަމުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް މިހާރު އޮތީ އެންމެ 86 މަސްދުވަސްކަން ނައިބު ރައީސް ފާހަގަކުރެއްވެވިއެވެ.

ކޮޕް27 ސަމިޓްގައި ނައިބް ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ކޮޕް-27 އާ މެދު ރާއްޖެއިން އުއްމީދުކުރާ ކަންކަން ފާހަގަކުރައްވަމުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ އޭގެ އަސަރުތައް ކުޑަކުރުމަށް ކުރިން އެއްބަސްވެފައިވާ ކަންމަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކަށް ޖުމްލަގޮތެއްގައި ޙައްލުތައް ހޯދުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރުގެ އަމާޒަށް ވާސިލުވުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި ބަދަލުވަމުންދާ ދުނިޔެއަކީ މުސްތަގްބަލުގައި އެންމެންނަށްވެސް ހަމަޖެހިގެން، ފާގަތި ދިރިއުޅުމެއް އުޅެވޭނެތަނެއްގެ ގޮތުގައި ދަމަހައްޓަންޖެހޭ ކަމަށެވެ.