ފުލުހުންނާއި ސިފައިން އައްޑޫގައި ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގެ ތެރެއިން މަރަދޫފޭދޫ ގެއެއް ބަލައި ފާސް ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް އެބަ ގެންދާ ކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން މަރަދޫ-ފޭދޫ ގެއެއް ފުލުހުން ބަލައި ފާސްކުރަން ފަށާފައިވާއިރު އެ ގެ ބަލައި ފާސްކުރަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުންނާއި ސިފައިން ހިންގާ އޮޕަރޭޝަނެއްގެ ތެރެއިން އެސިޓީގެ މަރަދޫފޭދޫގެ ގެއެއް ބަލައި ފާސް ކުރަން މިހާރު ފަށާފައިވާއިރު، އެސިޓީގެ ހިތަދޫގެ ގެއެއް ވެސް ފުލުހުން ވަނީ ބަލައި ފާސް ކޮށްފައެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއޮފަރޭޝަނުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ބައެއް މީހުންގެ ތެރޭގައި 2020 ވަނަ އަހަރު "ވަގުތު" އިން ގެނެސްދިން އިންވެސްޓިގޭޓިވް ރިޕޯޓްގައި ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތިން މީހަކު ހިމެނެއެވެ.

އެއީ މުޙައްމަދު ނުވަތަ ހަރުކަށި ފިކުރުގެ މީހުންގެ ނަމުންނަމަ "އައުލާކީ"، ނައުޝާދު އަދި ހަރުކަށި ފިކުރުގެ މީހުން، ފިކުރަށް ޖޯޝު ގެނައުމަށް ވީޑިއޯ އާއި ޑޮކިއުމެންޓްރީތައް ދައްކާ "ސިނަމާ" ހިންގާ ގޭގެ އިސްވެރިޔާ ނާހިދު ހިމެނެއެވެ.

މި އޮޕަރޭޝަނުގެ ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް ފުލުހުން އެކަން ހާމަ ކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގެ އިތުރު ތަފްސީލް ހާމަ ކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.