ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް މިރޭ 13 މީހަކަށް ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޙާފިޡުންނަށް މެޑެލް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިރޭ މެޑެލް ލިބުނު އެންމެ ހަގު ޙާފިޡަކީ ބ.ހިތާދޫ އަމަން އަޙްމަދު ޢާޠިފެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އަމަން އަޙްމަދު ޢާޠިފަކީ، ވަރަށް ކުޑައިރުއްސުރެން ފެށިގެން، ކީރިތި ޤުރްއާން އަޑުއެހުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެމުން އައި ކުއްޖެއް ކަމަށެވެ. ޤުރްއާން ހިތުދަސްކުރުމުގެ ހުނަރު އަމަންގެ ކިބައިގައި ހުރިކަން މައިންބަފައިންނަށް ފާހަގަކުރެވިގެން، އުމުރުން 5 އަހަރުގައި ޤުރްއާން ދަސްކޮށްދިނުމުގެ މަސައްކަތް ގޭގައި ފެށިއެވެ.

2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އުމުރުން 6 އަހަރުގައި ގޭގައި ޤުރްއާން ހިތުދަސްކޮށް ނިންމުމަށްފަހު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގައި، ކީރިތި ޤުރްއާން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މުރާޖަޢާ ކުރުމުގެ މަސައްކަތް، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު 2021 އިން ފެށިގެން މޭ 2022ގެ ނިޔަލަށެވެ. އަމަން އަޙްމަދު ޢާޠިފް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ 4 އޮކްޓޫބަރު 2022 ގައެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި 13 ޙާފިޡުންނަކީ:

1. އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ
2. އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން
3. އަލްޙާފިޡް ހޫދު މުޙައްމަދު ޢަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް
4. އަލްޙާފިޡް މުޙައްމަދު އަނީސް ޙުސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް
5. އަލްޙާފިޡާ ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް
6. އަލްޙާފިޡް މުޙައްމަދު ފަލާޙް ޞާލިޙް، އިތާމުތްގެ، ސ. ހިތަދޫ
7. އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ
8. އަލްޙާފިޡާ ފާޠިމަތު ޙަސަން، ރޯޒްބޯލް، ސ. ހިތަދޫ
9. އަލްޙާފިޡް މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ
10. އަލްޙާފިޡް ޢަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ
11. އަލްޙާފިޡް ޢައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ
12. އަލްޙާފިޡާ މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ
13. އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް، ޑޭޒީމާގެ، ބ. ހިތާދޫ މިބޭފުޅުންނެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛަމަލް

    ޙާފިޒުންނަށް ސަރުކަރުން މަހަކު 2000 ރުފިޔާ ދޭ. ވަރަށް ވެސް ރަގަޅު ކަމެއް. ގުރްއާނުގެ އިލްމު ފަތުރަން ޖެހޭ.

    18
  2. އެންމެހާ ހާފިޒުންނައްمرحبا

    އަޅުގަނޑު ތިޔަ ޙާފިޛުންނައް ދަންނަވަންބޭނުންވަނީ ކީރިތި ޤުރުއާން ހިތުދަސްކުރެއްވުމައްފަހު ޤުރުއާން އަބަދުވެސް މުރާޖާކުރައްވާށޭ މުރާޖާ ނުކުރައްވާކަމައްވާނަމަ ޤުރުއާން ހަނދުމަނެތުމީ ވަރައްގާތްކަމެއް سلام