މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި މ. ސެންޑްރޯސްގެ ހުޅަނގުބައި ތަޅާލުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޓީމުން އަނދާ ހުލިވި ގެއަށް ގޮސް އެގެ ތަޅާލައި ސާފްކުރުމުގެ މަސައްކަތް ކުުރަމުން އަންނަ ކަމަށެވެ.

އެމިނިސްޓްރީން އަންނަނީ އަނދާ ހުލިވި ގޭގައި ހުރި ކުނިތަކާއި، އަނދައިގެން ގޮސްފައިހުރި އުޅަނދުތައް ނަގައި ސާފްކުރަމުންނެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ.ނިރުފެހިގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ގިނަ ބަޔަކު ނިޔާވި އަލިފާނުގެ ހާދިސާ އެވެ.

އަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯސްގެ ހުޅަނގުބައި ސާފްކުރުމުގެ ތެރެއިން - ފޮޓޯ: ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓަރއެއްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ނިޔާވެފައި ވާއިރު ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވެސް ވަނީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ހުންނަ ގޮތް ސަމާލުކަމަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބީރުމީހާ

    ކޮބާހޭ ގޭގެ ވެރިޔާ ނަމެއް ނޭގޭ ރައްޔިތުންނަށް އޮޅުން ފިލުވާދީ

    10
    1
  2. Anonymous

    މިސަރުކާރުގެ ވަރަށް ލަޠީފު ބޭފުޅަކާއި ގުޅިފައިވާ ލަޠީފާފުޅެއްގެ ފިރިލަޠީފެއް ކަމަށްވަނީ ތަނުގެ ވެރިމީހާ އަކީ. މަބްރޫރު ޢަޒީޒްގެވެސް ގުޅުން ހުރި ޢާއިލާއެކޭ ކިޔާ އަޑުއިވޭ. ވަﷲ އަޢްލަމް