މިސްރުގައި ބާއްވާ އިމާމް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާނީ އެ ކޯހުގެ މަގްސަދަކީ އިމާމުންނާއި ދާޢީންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުން ކަމަށެވެ.

އެ ކޯހަކީ މިސްރު ސަރުކާރުގެ ފަރާތުން ހުރިހާ ހަރަދެއް ކުރާގޮތަށް ހިންގާ ތަމްރީން ކޯހެއް ކަމަށާއި އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނާއި ދީނީ ފަތުވާ ދެއްވާ ބޭފުޅުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މިސްރުގެ ވެރި ރަށް ގާހިރާގައެވެ. މިއީ 2 މަސް ދުވަހުގެ ކޯހެކެވެ.

ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޝަރުތުތަކަކީ:

  • 1- އަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުން
  • ކަމާގުޅޭ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްކަމުގައިވުން
  • 2- ދީނީ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން
  • 3- ދީނީ ތަގްރީރު ކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން

ކޯހަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމުގައި އަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރާއި ތަޖުރިބާއަށް ބަލާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެޕްރިކޭޝަން ފޯމާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ. އެތަކެތި ހުށަހަޅަން ޖެހޭތީ މިނިސްޓްރީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޝަރުތު ހަމަ ވިޔަސް ތިޔާތަނަކަށް ފޮނުވާނީ ބަޔަކު މީހުންގެ ފައިގައި ދޫލައިހަދާމީހުނަށް

  2. Anonymous

    ފުރުސަތު ހުޅުވާލާއިރު ފޮނުވާނެ މީހުން މާކުރިން ކަނޑައަޅާފައި އޮތީ އާނ