ދައުލަތުގެ ބަޖެޓުން ދައުލަތުގެ ކުންފުނިތަކަށް ކުރާ ހަރަދުތައް އިތުުރުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލުކަން ފޮރޮވަން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު އެގޮތަށް ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ސައީދު ވަނީ ދައުލަތުގެ ބަޖެޓުން ސަރުކާރުގެ ކުންފުނިތަކަށް ކުރާ ހަރަދުތައް ފެންނަ "އިންފޯ ގްރެފިކްސް" އެއްވެސް މިއަދު ހިއްސާ ކުރައްވައިފަ އެވެ.

އޭގެން ފެންނަ ގޮތުގައި މި ސަރުކާރު އައި ފަހުން ދައުލަތުގެ ބަޖެޓުން ދައުލަތުގެ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ދޭ މިންވަރު އަހަރުން އަހަރަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެެ.

އޭގެ އިތުރުން ކެޕިޓަލްގެ ގޮތުގައި ކުންފުނިތަކަށް ދޭ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި 2018 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ދީފައި ވަނީ ދެ ބިލިއަން ރުފިޔާ އެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިފަހުން އެވްރެޖްކޮށް ކުންފުނިތަކަށް ހަަތަރު ބިލިއަން ރުފިޔާ ދީފައި ވެއެެވެ.

ސަބްސިޑީގެ ގޮތުގައި އެކަނިވެސް މި އަަހަރު ދައުލަތުގެ ކުންފުނިތަކަށް 2.8 ބިލިއަން ރުފިޔާ ދީފައި ވެއެވެ.

ސައީދު ވިދާޅުވީ އެ ނަންބަރުތަކުން ހަގީގަތް ހާމަވާ ކަމަށާއި އަދި ކުންފުނިތަކަށް ކުރާ ހަރަދު އިތުރު ކުރަނީ ރައީސް ސޯލިހުގެ ނާގާބިލުކަން ފޮރުވަން ކަމަށެވެ.

އަދި އެ ނާގާބިލުކަމުން އަރައިގަތުމުން ރައީސް ސޯލިހުއަށް ކުރެއްވޭނެ އެންމެ ރަނގަޅު ކަމަކީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ކަމަށް ވާދަ ނުކުރެއްވުން ކަމަށެވެެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަ،މަ

    ސައީދު ރައީސްގެ ނާގާބިލުކަން ނުފޮރުވޭނު ސައީދު ގެ މޮޅުކަމުން ތިޔަފަލާ އަރުވާލީ ވިއްޔަ

  2. ހަލަމްގަން

    އިބޫސޯލިހުގެ ގާބިލުކަން ފެންނަނީ ރާއްޖެތެރޭގައި އެހެރަ ހިންގަމުންދާ އަދަދުނުކުރެވޭ ގިނަޕްރޮޖެކްޓްތަކުން ތަފާތުކުރުމެއްނެތި އެންމެންނަށް އެއް ހަމައަކުން ތިކޮށްދެއްވާ މަސައްކަތަށް ހަމަ ސާބަސް