މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު މ. ނިރުފެހި ގޭގެ ތިރީބައިގައި ހުންނަ ގަރާޖެއްގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް "މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް" (އެމްއެމްޑަބްލިއުއެމް) އިން ހުޅުވާލި ފަންޑަށް 142,765.72 ރުފިޔާ ލިބިއްޖެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ފަންޑަކީ މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް 48 ގަޑިއިރަށް ހުޅުވާލާ ފަންޑެކެވެ.

އެމްއެމްޑަބްލިއުއެމް ބުނީ ފަންޑު ހުޅުވާލިތާ 24 ގަޑިއިރު ތެރޭ 142,765.72 ރުފިޔާއާއި 693 ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ ޖުމްލަ 153،442.78 ރުފިޔާއެވެ.

އެ ފަންޑު މެދުވެރިކޮށް ބޯހިޔާވަހިކަން ގެއްލި ހާލުގައި ޖެހުނު 14 ބިދޭސީން އަދި، މި ހާދިސާގައި ނިޔާވި 10 ބިދޭސީންގެ އާއިލާތަކަށް ވެސް އެހީީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ.ނިރުފެހިގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ގިނަ ބަޔަކު ނިޔާވި އަލިފާނުގެ ހާދިސާ އެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

އަލިފާނުގެ ހާދިސާގެ މައުލޫމާތު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިއްޔެ އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އަބްދުލް މޫމިން ދީފައެވެ. މިނިސްޓަރ ޝާހިދު ދެގައުމުގެ ފޮރިން މިނިސްޓަރުންނަށް އެމައުލޫމާތު ދެއްވީ އިއްޔެ އެ ދެ ބޭފުޅުންނަށް ފޯނުން ގުޅުއްވާފައެވެ.

އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ނިޔާވެފައި ވާއިރު ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވެސް ވަނީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ހުންނަ ގޮތް ސަމާލުކަމަށް ގެނެސްފައެވެ.

އެހީވުމަށް

  • ދިވެހި ރުފިޔާ: 7730000378559 (މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް)
  • ޔޫއެސް ޑޮލާ: 7730000378560 (މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް)

ވައިބާ/ ވަޓްސްއެޕް: 7384994

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޒީ

    މަދްރަސަތުލް އިފްތިތާޙްގެ ޕީޓީއޭ އިން ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ން ހަވީރު 5:00 ށް ( 8 ގަޑިއިރު ) ގެނައި މަސައްކަތު ދުވަހުން 120000 ރުފިޔާ އަދި 52 ޔޫއެސް ޑޮލަރު ލިބުންކަމަށް ވަނީ! ކޮންކަމެއް މި ފެނުނީ؟