ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީއިން ބުނީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 94 އިންސައްތަ ނިންމާލެވިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން، 88،623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީއިން ކުރާނެއެވެ.

އަދި 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.