ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިމިގްރޭޝަންގެ ހިދުމަތްތައް މަޑުޖެހިއްޖެ އެވެ،

އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރާއްޖެ އަންނަ ފަސެންޖަރު އިމިގްރޭޝަނުން ކްލިއާ ކުރުމުގައި އިތުރު ވަގުތުތަކެއް ހޭދަކުރަން ޖެހިދާނެ ކަމަށެވެ.

އޭގެ އިތުރުން ވިސާ ޕްރޮސެސް ކުރުމުގައި ވެސް މިހާރު ލަސްތަކެއް އުޅޭނެކަމަށް އިމިގްރޭޝަނުން ބުނެއެެވެ.

ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ޓެކްނިކަލް މައްސަލަތައް ދިމާވެގެން އިމިގްރޭޝަންގެ ހިދުމަތްތައް މަޑު ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މި ދުވަސްވަރަކީ ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދާ ދުވަސް ވަރަކަށް ވާތީ ޓެކްނިކަލް މައްސަލައާ ގުޅިގެން ބޮޑު ކިއުއެއް ދެމިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ،

އާންމުކޮށް އިމިގްރޭޝަންގެ ހިދުމަތްތަކަށް ބާރުބޮޑުވަނީ ބޮޑެތި ބަންދުތަކާ ދިމާކޮށެެވެ. އަދި އެފަދައިން ބާރުބޮޑުވާތީ ކުރީބައިގައި ހިދުމަތް ހޯދަން އިމިގްރޭޝަނުން އަބަދުވެސް އިލްތިމާސްކުރެއެވެ،