އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލޭގައި ސުކޫލެއް އެޅުމުގެ މަސައްކަތް ކުރުމަށް މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. އަދި އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުލް ރަޝީދެވެ.

އެ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރެވިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އަދި އެ ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލްސް ގެ ފަރާތުން އެކްރެޑިޓްކޮށްގެން ބައިނަލް އަގްވާމީ ފެންވަރުގައި ހިންގޭނެ ސްކޫލަކަށެވެ. މިއީ، ޕްލޮޓް LZ-7 ގެ 48،556.81 އަކަފޫޓުގެ ސުކޫލެއް ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އައިލެންޑާސް އެޑިޔުކޭޝަން 2008 ވަނަ އަހަރު ވުޖޫދަށް އައިއްސުރެ އެކުންފުނީގެ އަމާޒަކަށް ވެފައިވަނީ އެންމެ ފެންވަރު ރަނގަޅު ތަޢުލީމު ކޮންމެ ދަރިވަރަކަށް ފޯރުކޮށްދިނުން ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އައިލެންޑާސް އެޑިޔުކޭޝަންގެ ފަރާތުން ފުރަތަމަ ހުޅުވި ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ސްކޫލްގެ ސަބަބުން، ދިރާއްޖޭގެ ވެރިކަންކުރާ މާލެއަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ތަޢާރަފްވި ކަމަށެވެ.

އެޗްޑީސީއިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ބިނާކުރެވިގެންދާ އެ ސްކޫލްވެގެންދާނީ ދިވެހިރައްޔިތުންނާއި އަދި ރާއްޖޭގައި ދިރިއުޅެމުންދާ ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ނަޒަރުގައި، ރާއްޖެއަކީ އެންމެ ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ އެއް މަންޒިލްގެ ގޮތުގައި ސިއްކަ ޖައްސުވައިދޭނެ ސްކޫލަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭ ސަޅި

    އެބަ ފައްކާވޭ އިނގޭ