މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕާޓީ ކުރަން ތިއްބާ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ އޮފިސަރު ސަސްޕެންޑް ކޮށްފިއެވެ.

ފުލުހުން މިމަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައިގައި 12 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން އެމީހުން ހައްޔަރު ކޮށްފައިވަނީ މާލެއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް 12 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހުނޭޝާ އާދަމް ނަސީރު އާއި ރާއްޖޭގެ މަޝްހޫރު ބަތަލާ އައިމިނަތު ރިޝްފާގެ އިތުރުން ފުލުހަކު ވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ފުލުސް މީހާއަކީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓު (ޑީއީޑީ)ގެ ޑުރަގް ސްޓޮކް ބަލަހައްޓާ އޮފިސަރެކެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ޑްރަގް އެންފޯސްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކު ޑްރަގް އެންފޯސްމެންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅާނެ" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޕާޓީ ކުރި މައްސަލައިގައި ފުލުހަކު ވެސް ހައްޔަރު ކުރި!

މީޑިއާ އޮފިޝަލް ވިދާޅުވީ، ހައްޔަރު ކުރި މީހާއަކީ ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް އެފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން، އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އެ ފުލުހަށް ނުވަތަ އެހެންވެސް ފުލުހަކަށް ނޯންނޭ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޕާޓީ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންނާއި ގުޅުން އޮންނަ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކުންނާއި ހުޅުމާލޭގެ ހިޔާ ފްލެޓަކުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައެވެ. އެގޮތުން ގާތްގަނޑަކަށް ކިލޯއެއްގެ ޕާޓީ ޑްރަގްސް ފުލުހުންނަށް ފެނުނު ކަމަށް ވެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ކެނަބިސް އާއި މެތު އަދި ވީޑް ވެސް ދެއެޕާޓްމަންޓުން ފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ސަސްޕެންޑު ތަކުރަންވީ . ބޮޑު ހުވައެއް ކޮށްގެން ހުރެ ޚިލާފް ވީމަ ވެސް ސަސްޕެންޑު.
    ދީނުގައި އަންގަވާފައިވާ އަދަބު ދީބަލަ ކަމެއް ރަނގަޅު ކުރަން އުޅެންޏާ. އިޚްލާޞްތެރި ކަމެއް ނެތެއްނު.

    23
    1
    • އިބުނިބަތޫތާ

      ހުވަޔާއި ވައުދު އެއީ އެއްޗެއްގެ ލިޔެފަ އޮންނާތީވެ އެމީހުން ކިޔާލައިގެން ތިބޭއެއްޗެއް އެއަކަށް އަމަލެއް ނުކުރާނެ..

  2. ކޮރަލް

    އެވަރުވީމަ ވެސް ކަނޑަ އެއް ނުލަ އެވެ. ކުރި ހުވަ އާ ހިލާފް ވީ އެވެ.

  3. ބީތާވެދާނެ

    ގަނެވިއްކާ ގުރޫޕް..

    10
  4. ކިޔުންތެރިއެއް

    އަތުލާ ޑުރަގު ފުލުހުން ބޭނުން ކުރަނީ. ސުވިޗު ކޮށްފަ ނައްތާލާފިއޭ ގޮވާނީ. ލޮލް. ގުޑު ބިޒްނަސް ދޯ. ކީޕްއަޕް ދަ ގުޑް ޖަރީމާޒް. ނޯ ވޮރީޒް ފުލުހުން. އަބަދައްވެސް ތިބޭނީ ﷲ ގަންދީ ހުވާކޮށްގެން އެބަވް ގާނޫނުތައް.

  5. Anonymous

    ކޮބާހޭ ފޮޓޯއާއި ވަނަވަރުތައް...ދޮންދިގޭ ގެ ފޮޓޯ އެކަނި ޖަހަން ކެރުނީ...ބލއއް

  6. ހަފްސާ

    ކޮންމެ ނުބައިކަމެއްގެ ތެރޭގައި ފުލުހުން ހިމެނޭނެ. ފުލުހުން މިވަރަށް ކޮރަޕްޓް ވީމާ ދެން ވާނެ ގޮތް މިވަނީ