ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާ ހަސަން ސައީދުގެ މައްސަލަ ފުލުހުން ޕީޖީ އަށް ފޮނުވައިފިއެވެ.

ހަސަން ސައީދުގެ މައްސަލަ ޕީޖީ އަށް ފޮނުވިކަން ކަށަވަރު ކޮށްދިނުން ފިޔަވަައި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ފުލުހުންނަށް ފިލައިގެން އުޅުނު މައްސަލައިގައި ހަސަން ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން އެދުނުއިރު އޭނާ ވަނީ މާޗް މަހުގެ 06 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.

ހަސަން ސައީދުގެ މައްޗަށް ފުލުހުން ވަނީ ފަނޑިޔާރުންގެ މަސައްކަތްތައް ނުފޫޒު ފޯރުވުމަށް، ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމުގެ ކުށުގެ ތުހުމަތު ކޮށްފައެވެ.

އެތުހުމަތުތަކަށް ބާރު ލިބޭ ހެކިތަކެއް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ކުރިން ވިދާޅުވެފައި ވަނީ ހަސަން ސައީދު ދިރިއުޅުއްވާ ކޮޓަރީގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.

ހަސަން ސައީދަކީ މިހާރު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ވަރަށް ގާތް މީހެކެވެ.