ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ފާސްކޮށްގެން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން އަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވުމުން މިނިސްޓްރީ ގާނޫނާއި ހިލާފުވެފައިވާ މައްސަލައިގާ ފިޔަވަޅު އަޅަން ކޮމެޓީން ނިންމި ނިންމުން މަޖިލީހުން ފާސްނުވެ، ބޭރުކޮށްލައިފިއެވެ.

އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު، ވަކި ގާނޫނަކަށް ނުފެތޭ ގޮތަށް ހުރި ގަވައިދުތަކުގެ ބެލެނިވެރިކަން ދިނީ އާއްމު ގަވައިދުތަކުގެ ގާނޫނަށެވެ. އެ ގާނޫނުގައިވާ ގަވައިދުތައް ފާސްކުރުމާއި ބަދަލުތައް ގެނައުމުގެ ޒިންމާ އޮންނަނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީއަށެވެ.

އެ ގަވާއިދު އެކުލަވާލާ ގެޒެޓު ކުރުމަށްޓަކައި 2018 ވަނަ އަހަރު ވަނީ މިނިސްޓްރީއަށް ފޮނުވާފައެވެ. އެކަމަކު، ގިނަ ދުވަސްތަކެއް ވެގެންދިޔަ އިރުގައި ވެސް ގަވާއިދު ގެޒެޓް ނުކުރާތީވެ، އެ ކޮމެޓީން ވަނީ 2020 ވަނަ އަހަރު އެ މައްސަލަ ބަލަން ފަށާފައެވެ. އެއަށް ފަހު ކޮމެޓީން ނިންމީ، އެކަން ރަނގަޅު ކުރުމަށް ހަފުތާއެއްގެ މުހުލަތެއް މިނިސްޓްރީއަށް ދިނުމަށެވެ.

އެ މައްސަލައިގާ ގަވާއިދު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އެކަމަކު، މަޖިލީހުން މިއަދު ނިންމާފައިވަނީ އެ މައްސަލަ ބޭރުކޮށްލާށެވެ. މަޖިލިހުން މިގޮތަށް ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ އިއްތިފާގުންނެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ.

އެ ރިޕޯޓު މިއަދު މަޖިލީހުގެ ތަޅުމަށް އިއްވާ ނިމުމުން، ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ކަމުގައި އަމަލު ކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އެބައޮތް ކަމަށާއި އެ ނޫން ގޮތަކަށް ސަރުކާރަށް އަމަލު ނުކުރެވޭނެ ކަމަށެވެ.

"ގާނޫނުގައި ވަރަށް ސާފުކޮށް އަމަލުކުރަންވީ ގޮތް އެބައޮތް. ސަރުކާރުން އެގޮތަށް އަމަލުކުރުން ނޫން ގޮތެއް ހަގީގަތުގައި ގާނޫނު ދައްކާފަކާއެއް ނެތް. އެގޮތަށް އަމަލުނުކުރާ ކަމީ ގާނޫނާއި ހިލާފުވުން."، އެމަނިކުފާނު، ނުރުހުން ފާޅު ކުރައްވަމުން ވިދާޅުވިއެވެ.

"އެހެންވީމާ، މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް، ނުވަތަ، ވަޒީރާއި ގުޅޭ ގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމަވަން ވެސް. ވަޒީރު ބޭފުޅުންނަށް ވެސް، ސަރުކާރަށް ވެސް ފުރުސަތު ލިބިވަޑައިގެންފައި އެބައޮތް."

ނަޝީދު އެފަދައިން ވިދާޅުވުމަށް ފަހުގައި ވަނީ ކޮމެޓީގެ ނިންމުމާއި ގުޅިގެން ބަހުސް ކުރެއްވުމަށް މެންބަރުންނަށް ފުރުސަތު އަރުވާފައެވެ. އެމަނިފާނުގެ އިތުރުން ވެސް ބައެއް މެންބަރުން ވަނީ އެ މައްސަލައިގާ ނުރުހުން ފާާޅު ކުރައްވާފައެވެ.