ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށްފަހުގައި ވަކިކުރަން މަޖިލީހަށް ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަވެސް ބާތިލުވާގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްނުވެ ކޮމިޓީއަށް އަނބުރާ ފޮނުވާލައިފި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހުށަހެޅި އިސްލާހުގައިވާ ގޮތުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، އެ ފަނޑިޔާރު ކުރި އަމަލަކީ ގާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމުގައި ބަލައި، އެ ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށް ބުނެފައިވެއެވެ.

އަދި ދެން މީހަކަށް ދެން ގާނޫނީ ވަކީލުކަމުގެ ހުއްދަ އަލުން ހޯދޭނީ، ވަކިކުރާ ތަރީހުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު، އަދި ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްފަހު ކަމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ބިލު އިސްލާހުކުރި އިރު ފަނޑިޔާރުކަމުން ވަކިކޮށްގެން ވަކީލުކަމުގެ ހުއްދަ ބާތިލުވާނީ ހަ މަހަށް ކަމަށް އޮތީ ހަދައި ފާސްކޮށްފަ އެވެ.

އެހެން ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްވާ ގޮތެއް ނުވި އެވެ. އެ ބިލު ފާސް ނުކުރަން 49 މެމްބަރުން ވޯޓުދެއްވި އެވެ. އަދި އަނބުރާ ބިލު ކޮމިޓިއަށް ފޮނުވަން ވެސް 49 މެމްބަރުން ވޯޓު ދެއްވި އެވެ.