ތ. ވިލުފުށީ ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެރަށު ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކައްދޫ ފަޔާ ސްޓޭޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މިހާރު ސިފައިން އެ އެރަށަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި، ބަނދަރުގައި އަޅާފައި އޮތް އެ ދެ ބޯޓުގައި އަލިފާން ރޯވެފައި ވަނީ މިއަދު އިރުއޮއްސި 6:00 ހާއިރުއެވެ. އަދި ދެ ބޯޓުގައިވެސް ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު، އެ އަލިފާންގަނޑު ނިއްވާ ލެވޭތޯ އެ ސަރަހައްދުގައި ބައެއް މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، އެރަށު ފަޅުގައި އޮތް ދެ ދޯންޏެއްގައި ރޯވެފައިވާ ކަަމަށް މިއަދު އިރުއޮއްސި 18:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އަލިފާން ނިއްވުމުގައި ފުލުހުންނާއި ސިފައިންނާއި އަދި އާއްމުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ލާދީނީ މީހުންގެ ސަބަބުން މުޅި ގައުމު މިދަނީ އަނދައި އަޅިޔަށް ވަމުން. އަދިވެސް މި ލާދީނީ މީހުންގެ ކިބައިން ސަލާމަތްވާކަށް ނުވޭތަ؟